11 May 2011, 11:36
މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިނގަމުންދާނީ، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަހްމަދު އިނާޒްގެ ބެއްލެމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކަސްޓަމްސްގެ ޤާނޫނުގައި އެ އިދާރާ ހިނގަމުންދާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުން، މިނިސްޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރާއްޖޭގެ ރަސްމީ ބަނދަރުތަކުގައި، ކަސްޓަމްސްގެ ސަރަހައްދުތައް ކަނޑައެޅުމާއި ކަސްޓަމްސް އިން ހިދްމަތްދޭ ތަންތަން ކަނޑައެޅުމާއި ކަސްޓަމްސްގެ ހިދްމަތާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުން ހިމެނެ އެވެ.
މީގެއިތުރުން ކަސްޓަމްސްގެ ހިދްމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ގޮތުންނާއި އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަށްޓަކައި އެކުލަވައިލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ނިޒާމްތައް އެކުލަވާލުމާއި އެކަންކަމާ ގުޅޭ ގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެންމެހާ ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ވެސް ހިމެނެ އެވެ.