މި ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ދިވެހިރާއްޖެ ހެދުމުގެ އަޒުމުގައި ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަހުމަދު ޠާރިޤު (ޓޮމް) ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމަށް ކުރިމަތިލައްވައިފި އެވެ.

ރާއްޖޭގެ ބޮޑެތި ކްލަބުތަކުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ކުރީގެ ފޯވާޑް ޓޮމް އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައި ވަނީ، އެފްއޭއެމްގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވީ ފުޓްބޯޅަ ކްލަބުތަކާއި، ފުޓްބޯޅައިގެ އިސްފަރާތްތަކާއި، ކުރީގެ ކުޅުންތެރިންގެ އިތުރުން އައިލާ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކާ ވެސް މަސްވާރަކޮށް އެ ފަރާތް ތަކުގެ އެއްބާރުލުމާއި އެކު ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި. ވަރަށް ގިނަ ހުރަސްތަކެއް ގިރާ ކުރަންޖެހޭ އަހަރެމެންގެ އަސްލު ޓާގެޓާ ހަމައަށް ވާސިލްވުމަށް. ލިބެން ހުރި މަދު ވަސީލައްތަކާ އެކު އެބަ ޖެހޭ ރަނގަޅު ޕްލޭނެއް ތައްޔާރުކޮށް ކާމިޔާބް ކުރުމަށް މަސަތްކަތް ކުރަން،" ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ، ރާއްޖެއަކީ ކުރީގައި މި ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށާއި އެ ޝަރަފު އަލުން އަބުރާ ހޯދުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރުތަކާ ކުރިމަތިލާނެ ވާދަވެރި ޓިމަކަށް ރާއްޖެ އަށް ވެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން: ޓޮމް 9 ނަމްބަރު ޖާޒީގައި --- ފޮޓޯ: އެފްބީ

މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބު ކުރި ހަމައެކަނި އަހަރު ކަމަށްވާ 2008 ވަނަ އަހަރު ރާއްޖޭގެ ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮމް ވިދާޅުވީ، ސަރަހައްދީ މުބާރާތްތަކުގެ އިތުރުން އޭޝިއާގެ މުބާރާތްތަކަށް ކޮލިފައިވުމަށް ޓައިމްލައިނެއް ތައްޔާރުކޮށް އެކަން ހާސިލް ކުރަންވީ ވަގުތުވެސް ޖެހިފައިވާ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބު ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން އެފްއޭއެމްގެ އޭރުގެ ރައީސް އިލްހާމް އަހުމަދު އެ މަގާމުން ދުރުކޮށް ފީފާއިން އެ އިދާރާ ހިންގުމަށް ނޯމަލައިޒޭޝަން ކޮމެޓީއަކާ ހަވާލުކޮށް އެ ކޮމެޓީން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި ފީފާއިން ހުށަހެޅި އިސްލާހުތަކާއި އެކު އަސާސީ ގަވާއިދު އިސްލާހުކޮށް މި މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބާއްވަން ވަނީ ނިންމާފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަން ހުށަހެޅުމަށް އިއުލާން ކޮށްފައިވާ އިރު ޓޮމްގެ އިތުރުން ދެން އެމަގާމަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.