އުދައިގެ އަސަރުކޮށްފާނެ ކަމުގެ ބިރުވެރިކަން ކުޑަވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓު އޮފީހުން މި މަހުގެ ފަސް ވަނަ ދުވަހު ބުނެފައި ވަނީ މާލެ އާއި އަދި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ކުރިން އުދައިގެ އަސަރުކުރާ ސަރަހައްދުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް އުދައެރުމުގެ ބިރުވެރިކަން މިހާރު ކުޑަވެއްޖެ ކަމަށެވެ.

"މިހާރު އެހާބިރުވެރިކޮށްނެތް ދެން ދޭތެރެއަކުން ވައިގަދަކޮށް އުޅޭތީ އަސަރުކޮށްލަފާނެ، އެހެން ނަމަވެސް ސީރިއަސް ވާވަރަކަށް [އަސަރެއް] ނެތް." އަހުމަދު ވިދާޅުވި އެވެ.

މޫސުން އަލިވެލާފައި އޮތަކަސް މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެ ތިން ދުވަހު ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު ދެކުނަށް ވެސް މޫސުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަކުން ވަނީ މާލޭގެ އިތުރުން ނ. ވެލިދޫ އާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފަ އެވެ. ނަމަވެސް މާކަބޮޑު ގެއްލުމެއްނުވެ އެވެ.