ޖަރުމަނުވިލާތުގެ ރައްޔިތެއް ކަމަށްވާ މާރިއޯން އެރެންޑިޓް އާ ކައިވެނިކުރާނެ ކަމަށް ބުނެ ސ. ހިތަދޫ، ސަނާމުގުގެ ހަސަން އަލީ އޮޅުވާލައިގެން ހޯދި 26،220.54 ޔޫރޯ ( 455،720.98 ރުފިޔާ) ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މާރިއޯން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކައިވެނިކުރާނެ ކަމަށް ބުނެ އޭނާ އަތުން ހޯދި 455،720.98 ރުފިޔާ ރުފިޔާ އާއި އެފައިސާ ޓްރާންސްފާ ކުރުމަށް ހަރަދުވި 190.15 ޔޯރޯ (3304 ރުފިޔާ) ހަސަން އަލީގެ ކިބައިން އެއްފަހަރާ ހޯދައިދިނުމަށް އެދި އެވެ.

އެމައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހަދިޔާއެއްގެ ގޮތުން މާރިއޯން ދީފައިވާ ފައިސާއެއް ކަމަށް ދައުވާ ރައްދުވާ ހަސަން އަލީ އާއި އެފައިސާ ޖަމާވި އެކައުންޓްގެ ވެރިފަރާތް ގ. ސާދުނާމަންޒިލް، މުހައްމަދު ސިދުރަތު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.

އެއީ މާރިއޯންގެ ފަރާތުން ލިބުނު ހަދިޔާއެއް ކަމަށް ބުނެ ހަސަން އަލީ އާއި ސިދުރަތު ވެފައިވާ އިއުތިރާފަކީ އެފައިސާ އެމީހުންނަށް ލިބުނު ކަމަށް ވެފައިވާ އިއުތިރާފެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެފައިސާ އަނބުރާ މާރިއޯންއަށް ދޭން ނުޖެހޭނެކަމަށް އެ ދެމީހުން ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެފައިސާ މާރިއޯންއަށް އަނބުރާ ދޭން ނުޖެހެނީ ކީއްވެގެން ކަން އެމީހުންނަށް ސާބިތުކޮށްދެވިފައިނުވާ ހަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި މާރިއޯންއަކީ އެމީހުންނަށް ހަރަދުކުރަންޖެހޭ ފަދަ މަގާމެއްގައި ހުރި މީހެއް ނޫންކަމަށާއި އަދި ގާނޫނީގޮތުން އެފަދަ ގުޅުމެއް އޮތްމީހެއް ނޫންކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަސަން އަލީ އާއި ސިދުރަތަށް އެފައިސާ މާރިއޯން ދީފައިވަނީ ހަދިޔާއެއްގެ ގޮތުގައިކަން ސާބިތުކޮށްދިނުމަށް އެދެމީހުންނަށް އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެހާލަތުގައި މާރިއޯން އެފައިސާ އެމީހުންނަށް ދިނީ ކައިވެނިކުރާނެ ކަމަށް ބުނުމުންކަން މާރިއޯން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާއަކާ ހަވާލާދީ ހުކުމުގައި ބުނެފައިވެ އެވެ.

ހަސަން އަލީ އާއި ސިދުރަތަށް އެފައިސާ މާރިއޯން ދީފައިވަނީ ހަދިޔާއެއްގެ ގޮތުގައިކަން ސާބިތުކޮށްދެވިފައިނުވާތީ އެފައިސާ ޓްރާންސްފާ ކުރުމަށް ހިނގައިދިޔަ ޚަރަދާއި، ފައިސާއާ އެކު ޖުމްލަ 26،410.69 ޔޫރޯ (459،024.98 ރުފިޔާ) 12 މޭ 2016 ވަނަ ދުވަހުނެ ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އެ ދެމީހުންގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހަސަން އަލީ އާއި ސިދުރަތުގެ މައްޗަށް މާރިއޯން އަށް ފައިސާ ދެއްކުމަށް ހުކުމް ކޮށްފައި ވަނީ އެ ދެ މީހުންގެ ޣައިރު ހާޒިރުގަ އެވެ.

މީގެ ކުރިން ވެސް ސިވިލް ކޯޓުން ވަނީ އެފަދަ މައްސަލައެއް ނިންމައިފަ އެވެ. އެއީ ސްވިޒަލޭންޑްގެ އުރުސުލާ ސުނާނާއާ ކައިވެނި ކުރާނެ ކަމަށް ބުނެ ދަފްތަރު ނަމްބަރު 2370، އިބްރާހިމް އަލީ، އުރުސުލާ އަތުން 58800 ޔޫއެސް ޑޮލަރާއި 7000 ޔޫރޯ އަދި 252،196.95 ސްވިސް ފްރެންކް ނަގާފައި ވާތީ އެ ފައިސާ ދެއްކުމަށް ކުރި ހުކުމެކެވެ.