ޖަރުމަނު ލީގްގައި މި ސީޒަނުގައި ބަޔާން މިއުނިކު ކުޅުނު ފަހު މެޗުގައި 3-1ގެ ނަތީޖާ އަކުން ހެނާވޯގެ މައްޗަށް ކުރި ހޯދައިގެން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބަޔާން އިން ލީގް ކާމިޔާބު ކޮށްފި އެވެ.

ރޭގެ މެޗަށް ނިކުތް އިރު ވެސް ލީގު ކާމިޔާބުކޮށްފައިވާ ބަޔާން މި ސީޒަން ނިންމާލީ އެއްވަނާގައި 88 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތް ބްރޫޝިއާ ޑޯޓްމަންޑަށް 78 ޕޮއިންޓް ލިބޭ އިރު ތިން ވަނާގައި ބަޔާ ލެވަކޫސަން އޮތީ 60 ޕޮއިންޓާއި އެކު އެވެ.

ރޭގެ މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު ލެވޮންޑަސްކީ ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ލީގު ތާވަލުގެ ފުލުގައި 18 ޕޮއިންޓާ އެކު އޮތް ހަނޯވާއާ ދެކޮޅަށް ބަޔާންގެ އޭލިއަން އެރީނާގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ބަޔާން އިން ދެ ގޯލުގެ ލީޑެއް ނެގި އިރު 12 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ކާމިޔާބު ކުރީ ރޮބަޓް ލަވަންޑޯސްކީ އެވެ. ދެވަނަ ގޯލު 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ ގޮޓްޒޭ އެވެ.

ބަޔާންގެ ތިން ވަނަ ގޯލު 54 ވަނަ މިނެޓްގައި ގޮޓްޒޭ ކާމިޔާބުކޮށްދިން އިރު ހަނޯވާ އަށް ސުން ކަނޑުވާލަ ދިން ގޯލު 66 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ސޮބިއެޗް އެވެ.

ޖަރުމަނު ލީގްގެ ތާރީހްގައި ވެސް ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު ފަހަރު ލީގް ކާމިޔާބުކުރުމުގެ ޝަރަފު ބަޔާން އަށް ލިބުނު އިރު މިއީ ބަޔާންގެ ތާރީހުގައި އެ ޓީމް ލީގް އުފުލާލި 26 ވަނަ ފަހަރެވެ.

ރޭގެ މެޗުގެ ކުރިން ގާޑިއޯލާ އަށް ދިން ހާއްސަ ޓްރޮފީއާ އެކު --- ފޮޓޯ: އޭޕީ

ރޭގެ މެޗު ފެށުމުގެ ކުރިން ބަޔާން އިން ވަނީ ގާޑިއޯލާއަށް ޚާއްޞަ އެވޯޑެއް ވެސް ދީފަ އެވެ.

މިއީ މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ޕެޕް ގާޑިއޯލާގެ، އިރުޝާދުގެ ދަށުން އެޓީމު ލީގު ކާމިޔާބު ކުރި ތިން ވަނަ ފަހަރަށްވާ އިރު، އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި ބަޔާން ބަލިވެފައި ވަނީ އެންމެ ދެ މެޗުން ކަން ވެސް ފާހަގަކޮށްލެވެ އެވެ.

ބަޔާން ދޫކޮށް އިނގިރޭސި ކުލަބު މެންޗަސްޓާ ސިޓީ އަށް އަންނަ ސީޒަނުގައި ގާޑިއޯލާ ބަދަލުވާ އިރު މި ސީޒަނުގައި އަދި ބަޔާން އަށް ޖަރުމަނު ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެ މުބާރާތުގެ ފައިނަލުގައި މި މަހު 21 ގައި ބަޔާން ނިކުންނާނީ ބްރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށެވެ.