15 May 2016, 11:20
ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުތައް ކުރަމުންދާ އެމްޓީސީސީގެ އޭސީ ފެރީގެ ދަތުރުތައް އަލުން ފަށައިފިއެވެ.
އެމްޓީސީސީން ދެމުންދާ އޭސީ ފެރީ ދަތުރުތަކުގެ ޚިދުމަތް މިދިޔަ އޭޕްރީލް މަހުފަހުކޮޅުގައި މެދުކަނޑާލާފައިވަނީ ހިދުމަތް ދިނުމަށް ބޭނުންކުރާ ދެ ފެރީއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އޭސީ ދެ ފެރީގެ ތެރެއިން އެއް ފެރީ މަރާމާތަށް ފަހު އިއްޔެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެ ގަޑިއިރަކުން ގަޑިއިރަކުން މާލެއާއި ހުޅުމާލެއާއި ދޭތެރޭ އޭސީ ފެރީގެ ދަތުރުތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން ބޭނުންކުރާ އޭސީ އަނެއް ފެރީ އޮޕަރޭޝަނަށް ނެރޭނެ ވަކި ދުވަހެއް އަދި ވަނީ ސާފުވާގޮތްނުވެފައެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ ފެރީގެ ދަތުރުތައް ފަށާފައި ވަނީ މިދިޔަ މާރިޗު މަހުގެ ތިން ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެސް ފެރީއަށް މައްސަލަ ޖެހި މާރިޗު 12 ވަނަ ދުވަހު ވަނީ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.