ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ގަލޮޅު ސަމަންތާ މުހައްމަދު އަސްވާން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވި، ރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުގެ މަތިން އަސްވާނަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަސްވާނާ އެލިޔުން ހަވާލު ކުރެއްވުމަށްފަހު، އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ގެންނަމުން ގެންދާ އިސްލާހުތަކުގެ ތެރޭގައި، ހާއްސަކޮށް ވިޔަފާރީގެ ދާއިރާއާއި އިގްތިސާދީ ދާއިރާގެ އިސްލާހުތައްވެސް ހިމެނޭ ކަމަށް ވިދާޅުވެ، އިޤްތިސާދީ ދާއިރާގެ ތެރެއިން މާލީ އިގްތިސާދު ހަރުދަނާ ކުރެއްވުމަކީ ވެސް ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

މާލީ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މުއައްސަސާއަކީ، ކަސްޓަމްސް ކަމަށާއި، ކަސްޓަމްސްގެ މަސައްކަތްތައް ޤާނޫނެއްގެ ތެރެއިން ހަމަޖެހި، މަސައްކަތްތައް ވަރަށް ރަނގަޅަށް ކަނޑައެޅިގެން ދިއުމަކީ ކަސްޓަމްސްގެ ދާއިރާއަށް ލިބުނު ތަރައްޤީއެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކޮމިޝަނާ ޖެނެރަލްކަމުގެ މަގާމަށް
އަސްވާން އައްޔަންކުރެއްވީ، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، އަސްވާން ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ހުސައިންގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވާ، އަސްވާން ކުރެއްވި އެވެ.

އަސްވާން މިހާތަނަށް ހުންނެވީ، މިނިސްޓާ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ކަމުގެ މަގާމުގަ އެވެ.