އައްޑޫ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ އޮފީހަކުން ވަގަށް ނަގާފައިވާ ދެ ތިޖޫރީއެއް ހޯދައިފި އެވެ.

އެ އޮފީހުގެ ދެ ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ.

ފުލުހުން ބުނީ ދެ ތިޖޫރީގެ ތެރެއިން އެއް ތިޖޫރީ ފެނިފައިވަނީ އެކުންފުނީގެ އޮފީސް ހުންނަ ގޯތި ތެރޭގައި އެއްލާލާފައި އޮއްވައި ކަމަށެވެ. އަދި އަނެއް ތިޖޫރީ ފެނިފައިވަނީ އެ އޮފީސް ހުންނަ އިމާރާތް ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

އައްޑޫ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ އޮފީހަކުން ވަގަށް ނަގާފައިވާ ތިޖޫރީއެއް. އޭގައި ހުރީ ޕާސްޕޯޓާއި ލިޔެކިޔުން އެކަނި. އެއްވެސް ފައިސާއެއް ގެއްލިފައެއް ނުވޭ -- ފޮޓޯ: ޕޮލިސް

އެ ދެ ތިޖޫރީގައިވެސް ހުރީ ޕާސްޕޯޓާއި އެ އޮފީހުގެ ލިޔެކިޔުންތައް ކަމަށާއި، އެއޮފީހުން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.