15 May 2016, 10:27
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މާލޭގައި ތޫނުއެއްޗަކުން ދެ މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެމީހުން ދޫކޮށްލީ ހައްޔަރުކޮށްފައި ބަހައްޓާވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ ކަމަށެވެ.
ހައްޔަރުކުރި ދެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާންމު ނުކުރެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:00 އެހައިކަންހާއިރު ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މަޖީދީމަގު ޖެލީ ރެސްޓޯރަންޓު ސަރަހައްދުގައި ހުރި ދެ ޒުވާނަކަށެވެ.
އެ ހާދިސާގައި ޒަޚަމްވި ދެ މީހުންގެ ތެރެއިން އެކަކު ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދެވަނަ މީހާއަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.