ރާމަﷲ(މޭ 15) : ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙަ ގާއިމްކުރުމަށްޓަކައި ފަރަންސޭސިވިލާތުން އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭން އިޢުލާން ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބައްދަލުވުމަށް 20 ދައުލަތަކުން މަންދޫބުން ފޮނުވާނެކަން ފަލަސްތީނުން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔާ ސަހްޔޫނީ ދައުލަތް އުފެއްދުމާ ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ގައުމާއި ވަޒަން ގެއްލުމުގެ ބޮޑު މުސީބާތުގެ ފަސްދޮޅަސް އަށްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިތާބެއްގައި ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ފަރަންސޭސިވިލާތުން އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭނުންވެސް ފަލަސްތީނު ރައްޔިތުންގެ ކެކުޅުންތަކާއި އެމީހުންގެ ވޭންތަކަށް ލުޔެއްލިބޭނެ ހައްލެއްގެ އުންމީދުގައި ފަލަސްތީނު އޮތްކަމަށާއި ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ މައްސަލައަކަށް ހަދަންޖެހިފައިވާ ކަމުގައެވެ.

ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ މައްސަލައަކަށް ހަދައިގެން އދ. ގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަށް އެމެރިކާއާއި އިސްރާއީލު އިދިކޮޅެވެ. މީގެބަދަލުގައި އެމެރިކާ އާއި އިސްރާއީލު މަސައްކަތް ކުރަނީ މިއީ ފަލަސްތީނާއި އިސްރާއީލުގެ ދެމެދުގައިވާ އާދައިގެ މައްސަލައަކަށް ހަދައިގެން އެދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން އދ.ގެ ގަރާރުތައް އެއްފަރާތް ކުރުމަށްފަހު އިސްރާއީލު ބޭނުންވާގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށެވެ.

ނަތީޖާއެއްގެތޮތުން ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައިވެސް ފަލަސްތީނުގެ މައްސަލައަށް ވަނީ ހައްލެއް ނުލިބިއެވެ. އަދި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސީދާގޮތެއްގައި ސުލްހައިގެ ވާހަކަތައް ދައްކަމުން ގެންދާތާ 22 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަވެފައިވާ އިރުވެސް ފަލަސްތީނު ބިންތަކުން ފައިބައި މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ހައްގު ފަލަސްތީނަށް ދިނުމަށް އިސްރާއީލު ގެންދަނީ އިންކާރު ކުރަމުންނެވެ.

މީގެއިތުރުން ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދާއިރުވެސް އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. މިމަޝްރޫޢުތައް ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލު ދެކޮޅު ހަދައި ފަލަސްތީނުގެ ބިންތަކާބެހޭ އދ. ގެ ގަރާރުތައް ތަންފީޒުކުރުމަށް އިސްރާއީލު ދެކޮޅު ހަދަމުން ގެންދާއިރުވެސް އެމެރިކާގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަށް އދ. ވަނީ ނުކުޅެދިފައެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙަ ގާއިމްކުރުމަށްޓަކައި ފަރަންސޭސިވިލާތުން އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭނަކީވެސް އިސްރާއީލުން ތަރްހީބު ދޭ ޕްލޭނެއް ނޫނެވެ. މި ޕްލޭންގައިވެސް އިސްކަމެއް ދީފައިވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ގާއިމްކޮށް ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައިބައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ފަލަސްތީނުގެ ބިމުގައި އުފެއްދުމަށެވެ. ނަމަވެސް އެމެރިކާގެ މާބޮޑު އަޅާލުމެއް މިޕްލޭނަކަށް ނެތެވެ. އަނެއްކޮޅުން ފަރަންސޭސިވިލާތަކީވެސް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރަން ބޭނުންވާ އަދި ވާނެ ގައުމެއްވެސް ނޫނެވެ.

އެހެންކަމުން ފަރަންސޭސިވިލާތުގެ ސުލްހައިގެ ޕްލޭނަކީވެސް މިފަދަ އެހެން ޕްލޭންތަކެކޭ އެއްގޮތަށް ހަމައެކަނި ޑިޕްލޮމެޓިކް ދައްކާލުމަކަށް ނޫނީ ވެގެންނުދާނެކަމަށްވަނީ ބެލެވިފައެވެ. ފަރަންސޭސިވިލާތުން ބުނެފައިވަނީ އެގައުމުން އެކުލަވާލި ސުލްހައިގެ ޕްލޭން އިޢުލާން ކުރުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހު ޕެރިހުގައި ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދާކަމަށާއި މިބައްދަލުވުމަށް ދުނިޔޭގެ ގައުމުތަކަށް ދައުވަތު ދެމުން ގެންދާކަމުގައެވެ.

ފަލަސްތީނުގެ އުންމީދަކީ މިބައްދަލުވުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް އަލުން ފަލަސްތީނުގެ މައްސަލަ އައުމެވެ.

އަރަބި ގައުމުތަކުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން އަރަބި ދުނިޔޭގައިވެސް ފަލަސްތީނު މައްސަލައަށް މިހާރު އެއްވެސް އަޅާލުމެއް ނެތެވެ. އަދި އަރަބި ގައުމުތަކުގެ މެދުގައި ދެބަސްވުންތައް އާދަޔާ ޚިލާފަށް ބޮޑުވެ ޔަމަނާއި ސޫރިޔާއާއި ލީބިޔާއާއި އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކާއެކު ފަލަސްތީނުގެ މައްސަލަ ވަނީ އަރަބިންވެސް މިހާރު އަޅާނުލާ މައްސަލައަކަށް ވެގެންގޮސްފައެވެ. (ނޫސްއެޖެންސީތައް)