ކަރާކަސް(މޭ 15): ވެނެޒުއޭލާގެ ރައީސް، ނިކޮލަސް މަޑޫރޯގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރުމުގެ ގޮތުން ބަންދުކޮށްފައިވާ ކާރުހާނާތަށް ސަރުކާރުގެ ދަށަށް ގެނެސް، އެކާރުހާނާތަކުގެ ވެރިން ހައްޔަރު ކުރައްވާނެ ކަމުގެ އިންޒާރު ރައީސް މަޑޫރޯ ދެއްވައިފި އެވެ.

ރަައީސް މަޑޫރޯއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އިއްޔެ ރައީސް ވަނީ އެގައުމުގައި ތިން މަސް ދުވަހުގެ ކުއްލި ހާލަތު އިއުލާން ކުރައްވާފަ އެވެ. އަދި އިއްޔެ މަޑޫރޯއަށް ތާއިދު ކުރައްވާ ފަރާތްތަކާ ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ވެނެޒުއޭލާއަށް ދިމާވެފައިވާ އިގުތިސާދީ ހީނަރު ކަމުން ސަލާމަތްވުމަށް ގައުމަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރަމުންދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެކަން ޔަގީން ކުރެއްވުމުގެ ގޮތުން މުޒާހަރާ ކުރަން ބަންދުކޮށްފައިވާ ކާރުހާނާތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، ކާރުހާނާތަކުގެ ވެރިން ޖަލަށް ލުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މަޑޫރޯ ވިދާޅުވި އެވެ.

ރައީސް މަޑޫރޯގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަނީ ރައީސް މަގާމުގައި ހުންނެވުމަށް އެގައުމުގެ ރައްޔިތުން ބޭނުންވޭތޯ ބަލަން އިންތިހާބެއް ބޭއްވުމަށް އެދި އެގައުމުގެ ނެޝަނަލް އިލެކްޓޯރަލް ބޯޑު (އެންއީބީ)ށް 1.8 މިލިއަން މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އެންއީބީން ފަސް ދުވަސް ތެރޭގައި އެޕެޓިޝަނުގެ ސައްހަކަން ބަލަން ޖެހެ އެވެ. ނަމަވެސް، ޕެޓިޝަން ހުށަހެޅި ފަހުން 12 ދުވަސްވެފައި ވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުންވެ، އެންއީބީއަށް ޕްރެޝަރު ކުރަން ފަށާފަ އެވެ.

ވެނެޒުއޭލާއަށް ދިމާވެފައިވާ އިގުތިސާދީ ހީނަރު ކަމުގެ ސަބަބުން އެގައުމުން ކާނާ އާއި ބޭހާއި އާދާއިގެ ދިރިއުޅުމުގައި ބޭނުންވާ ތަކެތި ހޯދަން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މަޑޫރޯ ވިދާޅުވާ ގޮތުގައި އޭގެ ފަހަތުގައި ވަނީ އެގައުމާ ދެކޮޅަށް އިގުތިސާދީ ހަނގުރާމައެއް ކުރަމުންދާ އެމެރިކާ އެވެ. (ބީބީސީ)