15 May 2016, 09:49
ރ. އަލިފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް އެއް ދުވަސްފަހުން، އިއްޔެ މަރުވެފައި އޮއްވައި ފެނުނު މީހާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ވީތަނެއް ނޭނގި ގެއްލުމާ ގުޅިގެން އަލިފުށީ ރައްޔިތުން ނުކުމެ ހޯދަމުންދަނިކޮށް އެރަށު ފަރުހާދު މުހައްމަދު، 37، ފެނިފައިވަނީ އިއްޔެ އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށަށް ލައްގާފައިއޮއްވައެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ގަބޫލުކުރެވޭގޮތުގައި ފަރުހާދުގެ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ. ފިޓްޖެހުމަށް ފަރުވާހޯދަމުން އަންނަ ފަރުހާދު ފިޓް ޖެހިގެން މޫދަށް ވެއްޓި މަރުވީކަމަށް ގަބޫލުކުރެވޭކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ގުދުރަތީމަރެއް ކަމަށްވަނީ. ބޮޑަށް ބަލޫކުރެވެނީ ޖެޓީގައި ނުވަތަ ބަނދަރުގައި ހުއްޓައި އެގޮތަށް {ފިޓްޖެހިގެން} އެއްވެސް މީހެއްނެތި މޫދަށް ވެއްޓިގެން އޭނާ ލެއްގީކަމަށް ގިނަބަޔަކަށް ބެލެވެނީ،" ޝަރީފް ވިދާޅުވިއެވެ.
ފަރުހާދާ އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން، އޭނާގެފަރާތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ވެސް އެއްވެސް ޝަކުވާއެއް ކައުންސިލަށް ލިބިފައިނުވާއިރު މީހަކު އޭނާ މަރާލާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"އޭނާގެ ފަރާތުން އުނދަގުލެއްވާތީ މީހަކު ޝަކުވާއެއްކޮށްފައެއްވެސް ނެތް. އަޅުގަނޑަކަށް އެއްވެސްގޮތަކަށް ގަބޫލެއް ނުކުރެވޭ މީހަކު އޭނާއަށް ގޯނާއެއްކޮށްގެން ލިބިފައިހުރި ގެއްލުންތަކެއް ނޫނީ ދިމާވި ހާދިސާއެއްކަމެއް،" ޝަރީފް ވިދާޅުވިއެވެ.