ސުޕެނިޝް ލީގުގައި ލުއިސް ސުއަރޭޒް ކާމިޔާބު ކޮށްދިން ހެޓްރިކާއި އެކު 3-0ގެ ނަތީޖާ އަކުން ގުރެނާޑާގެ މައްޗަށް ކުރި ހޯދައިގެން ބާސެލޯނާ 24 ވަނަ ފަހަރަށް ލީގް ޓްރޮފީ ކާމިޔާބު ކޮށްފިއެވެ.

ބާސާއިން މި ސީޒަނުގެ ލީގުގައި ކުޅުނު ފަހު މެޗުގައި ގުރެނާޑާގެ މައްޗަށް ކުރި ހޯދައިގެން ކުޅުނު 38 މެޗުން އެ ޓީމަށް 91 ޕޮއިންޓް ލިބިފައިވާއިރު އެއް ޕޮއިންޓްގެ ތަފާތުން 90 ޕޮއިންޓާއި އެކު ދެވަނާގައި އޮތީ ރެއާލް މެޑްރިޑެވެ.

ގުރެނާޑާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފެށިގެން ބާސާއިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އިރު މެޗުގެ ފުރަތަމަ 10 މިނެޓްގައި ބާސާގެ ޖެރާޑް ޕީކޭ އާއި ލިއޮނަލް މެސީ ގުރެނާޑާގެ ގޯލަށް އަމާޒް ކޮށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ދެ ހަމަލާވެސް ގުރެނާޑާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

އެ މެޗުގައި ބާސާއިން ކާމިޔާބު ކުރި ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ސުއަރޭޒް ކާމިޔާބު ކުރީ ގުރެނާޑާގެ ގޯލު ކުރިމަތީ ހުސްކޮށްހުރެ ޖޯޑީ އަލްބާ ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސްޕެނިޝް ގްރެނާޑާ އާއި ބާސާ ކުޅުނު މެޗުގައި ސުއަރޭޒް ގެ ގޯލަށް ފަހު އެ ޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ދެ ވަނަ ގޯލު 38 ވަނަ މިނެޓްގައި ސުއަރޭޒް ކާމިޔާބު ކުރީ ޑެނީ އަލްވޭސް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ސުއަރޭޒް އެ ބޯޅަ ފޮނުވާލިއުރު ކައިރީގައި ގުރެނާޑާގެ ކުޅުންތެރިއެއް ހުރި ނަމަވެސް އޭނާ އަށް ވަނީ ސުއަރޭޒް ހިފެހެއްޓޭ ގޮތް ނުވެފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް ބާސާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގުރެނާޑާއިން ވަނީ ބާސާގެ ގޯލަށް އަމާޒް ކޮށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ގުރެނާޑާގެ ފްރޭން ރިކޯ އާއި ރުބެން ޕެރޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބާސާގެ ކީޕަރެވެ.

ގުރެނާޑާ އަށް ލިބުނު ފުރުސަތުތަށް ބޭނުން ނުކުރެވުމުގެ ފައިދާ ނަގައި ބާސާއިން ވަނީ އިތުރު ގޯލެއް މިރޭގެ މެޗުގައި ކާމިޔާބު ކޮށް މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ނޭމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެޗުގެ 86 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ އެ މެޗުގައި އޭނާގެ ތިން ވަނަ ގޯލު ކާމިޔާބް ކޮށް ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ބާސާއިން ލީގް ކާމިޔާބު ކުރުމަށް މިރޭ ސުއަރޭޒް ކާމިޔާބު ކުރި ހެޓްރިކާއި އެކު އޭނާ ވަނީ މި ސީޒނުގައި ބާސާ އަށް 40 ގޯލު ކާމިޔާބު ކޮށް ރަން ބޫޓް ކާމިޔާބު ކުރާނެ ކުޅުންތެރި އަކަށް ވެގެން ގޮސްފައެވެ.

ސްޕެނިޝް ލީގްގައި ޑިޕަޓިވޯ ލަ ކަރޫނާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ލަލީގާގެ ތާރީހުގައި އެންމެ ގިނަ ފަހަރު ލީގް ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑުން މި ސީޒަން ނިންމާލަން ޖެހެނީ ދެވަނާގައި އޮވެއެވެ. ޑިޕަޓިވޯ ލަ ކަރޫނާގެ ދަނޑުގައި އެ ޓީމާއި ދޮކޮޅަށް ރެއާލް އިން ނިކުން އިރު އެ މެޗު ރެއާލުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގައި ކުރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބް ކުރި ދެ ގޯލާއި އެކުއެވެ.