މަގުމަތީން ހިނގާފައި ދާ އަންހެން ކުދިންނަށް ލަދުވެތިގުނަވަން ދެއްކުންފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގުން މިއަދު މުޖުތަމައުގައި އާންމުވެއްޖެއެވެ. އެފަދަ ދަށުދަރަޖައިގެ އަމަލެއް ނައިޓްމާކެޓްގެ ތެރޭގައި ވެސް މިދިޔަ ހަފްތާގެތެރޭގައި ހިނގާފައި ވެއެވެ. އޭގެ އިތުރުން ނަހަމަ ގޮތްގޮތަށް ދަށުދަރަޖައިގެ އަމަލުތައް ހިންގައި ޖިންސީ އުފާ ހޯދުން މި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިއީ ބޮޑުވަމުން އަންނަ ބަލިމަޑުކަމެކެވެ.

ޖިންސީ އެދުންވެރިކަމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް ޖިންސީ އުފާ ހޯދަން އޮންނަ ޝަރުއީ މިންގަނޑުތަކުން ބޭރުވެ، ޝައިތާނީ އަމަލުތަކުން އެ އުފާ ހޯދުން އިތުރުވުމަކީ ވަރަށް ވެސް ބޮޑު ބިރުވެރިކަމެކެވެ. މިއަދު ދިވެހި މުޖުތަމައުގައި އެކަން ވަރަށް ބޮޑެވެ. އެ އަމަލުތައް ގިނައިން ފެންނަނީ ފިރިހެނުންގެ ފަރާތުންނެވެ.

އެފަދަ މީހުންގެ އަމަލުތަކަށް ބަލާއިރު ދިރުމެއް ނުހުންނަ ބައެއް ތަކެތި ބޭނުންކޮށްގެން ނުވަތަ ޖަނަވާރެއް ބޭނުންކޮށްގެން ނުވަތަ ތިމާ އާއި އުމުރުގެ ގޮތުން މާ ތަފާތުތައް ހުންނަ މީހުން ބޭނުންކޮށްގެން ނަހަމަ ގޮތުގައި ޖިންސީ އުފާ ހޯދުން މި ވަނީ އާންމުވެފައެވެ. އޭގެ ތެރެއިން އެއްބަޔަކު މީހަކަށް އަނިޔާކޮށްގެން ޖިންސީ އުފާހޯދަން ބޭނުންވާއިރު އާންމު މީހުން ޖިންސީ އުފާ ހޯދާ ގޮތާއި އެ މީހުންނާ ވަރަށް ބޮޑަށް ތަފާތުވާނެ އެވެ. ޖިންސީ އުފާ ހޯދަން ހުއްދަކޮށްފައިވާ އުސޫލްތަކާއި ހިލާފަށް ނަހަމަ، އެފަދަ ވިޔާނުދާ ގޮތް ގޮތަށް ނޫނީ އެފަދަ މީހުން ޖިންސީ އުފާ ހޯދާކަށް ބޭނުމެއް ނުވާނެ އެވެ.

ލަދުވެތި ކަމެއް ނެތް އީމާންތެރިކަން ދަށް އެފަދަ މީހުންނަށް އެކަންކަން ނުކޮށް ޖިންސީ އުފަލެއް ނުހޯދެއެވެ. އެކަން ނުކޮށް ކެތެއް ނުކުރެވެއެވެ. އެއީ ފާޑެއްގެ މަސްތެކެވެ. މިކަން ނުރައްކާވަނީ މި ސަބަބުތަކާހުރެ އެވެ. މިއީ މުޅިމުޖުތަމައުއަށް އޮތް ބަލިމަޑުކަމެކެވެ. އެފަދަ ދަށުދަރަޖައިގެ ކަންކަން އިތުރުވެގެން މިދަނީ މީހުންގެ އީމާންތެރިކަން ދަށްވެފައިވާތީކަން ޔަގީނެވެ. ހާއްސަކޮށް ހަމައެއްލަމައެއް ނެތި ޖިންސީ ގުޅުންތައް ހިންގުން ހިމެނެ އެވެ.

އެ ހުތުރު އަމަލު ހިންގާ މީހުންނަށް ފަރުވާ ބޭނުންވޭ!

އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި މީހުންނަށް އެހެންވާ ސަބަބުތަކުގެ ތެރޭގައި ވަރަށް ކުޑައިރު ޖިންސީކަންކަން ތަޖުރިބާކޮށްފައި ހުރުން ހިމެނެ އެވެ. އެއާއެކު އަބަދު ޖިންސީ އަމަލުތަކާ ދޭތެރޭ ވިސްނައި އެކަމުގެ ތެރޭގައި އުޅެން ހަދައިގެން އެފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް އެހެންވެދާނެ ބައިވަރު ސަބަބުތައް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ މީހުންނަށް ނަފްސާނީ އިލްމުވެރިން ބުނަނީ "ޕެރަފީލިކް ޑިސްއޯޑާ" ޖެހިފައިވާ ފަރާތްތައް ކަމަށެވެ.

އެފަދަ މީހުންގެ ސިކުނޑި މަސައްކަތް ކުރާ ގޮތް އާންމު މީހުންނާ އަޅައިބަލާއިރު ވަރަށް ތަފާތެވެ. އެގޮތުން އެފަދަ މީހުންގެ ތޫނުފިލިކަން ވަރަށް ދަށްވާނެ ކަމަށް ސައުދާ ވިދާޅުވިއެވެ.

އޭގެ ތެރެއިން ގިނަ ބަޔަކު ހަޔާތުގެ ބައިވެރިއަކު ނުގެންގުޅޭއިރު މީހުންނާ އެހާގާތްގުޅުމެއް ނުބާއްވަ އެވެ. އެ މީހުން ގިނައިން އުޅޭނީ އެކަންޏެވެ. ލަދުވެތިކަމެއް އެމީހުންގެ ނުހުރެއެވެ. ޖިންސީ އުފާ ބޭނުންވީމާ ފަސްނުޖެހި ގޮތެއްފޮތެއްނެތި އެމީހުން އެކަންކޮށްލައެވެ.

އެފަދަ ފަރާތްތަކަށް އަދަބާއެކު ފަރުވާވެސް ދޭންޖެހޭ!

ސައުދާ ވިދާޅުވީ އެންމެ ދަށްކޮށް އެކަން ދިމާވެފައިވާ ފަރާތްތަކަށްވެސް ދެ އަހަރު ވަންދެން ތެރަޕީ ދޭންޖެހޭ ކަމަށެވެ. އެގޮތުން ކޮގްނަޓިވް ބިހޭވިއާ ތެރަޕީ ނުވަތަ އެހެން ތެރަޕީތަކާއެކު އޭނާގެ "ހޯމޯންސް" ވަކިވަރެއްގައި ހިފެހެއްޓުމަށް ބޭސް ދޭންޖެހޭކަމަށް ސައުދާ ވިދާޅުވިއެވެ.

"ކޮންމެ ކަހަލަ ތެރަޕީއަކާއި އެކުވެސް މެޑިކޭޝަން ކުރިއަށް ގެންދަން ޖެހޭނެ. އެހެން ނޫނީ ނުވާނެ، ތެރަޕީ ވެސް ދިގު މުއްދަތަކަށް ކުރިއަށް ގެންދަންޖެހޭ،" ސައުދާ ވިދާޅުވިއެވެ.

އެފަދަ ނަހަމަ ގޮތްގޮތަށް ޖިންސީ ގުޅުން ހިންގަން އާދަވެފައިވާ ފަރާތްތަކަށް އަވަހަށް ފަރުވާ ދޭށެވެ. ނޫނިއްޔާ މުޅި މުޖުތަމައުއަށް އޭގެ ނުބައި އަސަރުކޮށް ބަލިމަޑުކަމެއް އުފެދިދާނެއެވެ.

މިހާ ދަށުދަރަޖައަށް މި ވެއްޓުނީ ކީއްވެ؟

ސައްތައިންސައްތަ މި އިސްލާމީ ގައުމެއްގައި މިކަންކަން އިންތިހާއަށް މިއިތުރުވަނީއެވެ. މަގުތަކުގައި ރައްކާތެރިކަމެއް ނެތް ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ. ބަރަހަނާ ހާލުގައި ތިބެ ފޮށުން އިންތިހާއަށް އިތުރުވަނީއެވެ. ނަހަމަ ޖިންސީ އެދުންތަކަށް ގިނަބަޔަކު މޮޔަވަނީ އެވެ. މިފަދަ ނަހަމަ ގުޅުންތަކުގެ ހާއްޔަކަށް ރާއްޖެމިވަނީ ކީއްވެގެންހެއްޔެވެ؟

ޖަމިއްޔަތުއް ސަލަފުގެ ނައިބު ރައީސް ޝެއިހް ޙަސަން މޫސާ ފިކުރީ ވިދާޅުވީ، މި ރާއްޖެ މިއަދު މިފަދަ ހާލަތަކަށް ވެއްޓިފައި ވަނީ މުޖުތަމައުގައި އޮތް ރިވެތި އަހުލާގު ނެތިދިއުމުގެ ސަބަބުން މީހުންގެ ލަދުވެތިކަން ނެތިދިއުން ކަމަށެވެ. ދީނުގައި ލަދުވެތިކަމަށް ބާރު އަޅައި އަންހެނުން އެމީހުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށް އަންގާފައިވީ ނަމަވެސް އަންހެނުން ހެދުން އަޅައިއުޅޭ ގޮތްތަކަކީ ވެސް އެފަދަ މައްސަލަތައް އިތުރުވާ ސަބަބުތައް ކަމަށް ޝެއިހް ވިދާޅުވިއެވެ.

އެފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އޭގެ މައިގަނޑު ސަބަބަކީ ކުށްކުރާ ފަރާތްތަކަށް އޭގެ ހައްގު އަދަބު ދެވިގެން ނުދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދީނުގައި އޮންނަ އަދަބު ނުދެވޭތާނގައި ދުނިޔަވީގޮތުންވެސް އެކަންކަމަށް އޮންނަ އަދަބުތައް ނުދެވޭތީ މީހަކު އެކަން ކުރުމަށް ފަހަތަކަށް ނުޖެހޭނެ އަޅުގަނޑުމެންގެ މުޖުތަމައުގައި،" ޝެއިހް ވިދާޅުވިއެވެ.

އެފަދަ ކަންކަމުން މިމުޖުތަމައު ސަލާމަތް ކުރުމަށްޓަކައި މީހުންގެ އީމާންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށް ފިކުރީ ވިދާޅުވިއެވެ. އެގޮތުން އެފަދަ އަމަލުތަކަކީ ކިހާ ނުބައި ފާފައެއްކަން މީހުންނަށް އަންގައިދީ ބުނެދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވަނީ ފާޅުވެގެންވާ ފާހިޝް އަމަލުތަކާއި އަދި ސިއްރުން ކުރެވޭ ފާހިޝް އަމަލުތަކުން ވެސް އެއްކިބާވާށޭ. ވަރަށް ހަރުކަށިކޮށް ޒިނޭގެ އުގޫބާތް ގުރުއާނުން ވެސް އެބައޮތް. ސުންނަތުން ވެސް ސާބިތުވޭ އެބަ. ޒިނޭ ނަހީކުރެއްވިއިރު އެއަށް މަގުފަހިވާ ހުރިހާ ކަމެއް މި ވަނީ ނަހީ ކުރައްވާފައި،" ޝެއިހް ވިދާޅުވިއެވެ.

މިއަދު މިމުޖުތަމައުގައި ކަން ހިނގަމުންދާ ގޮތުން ކުޑައިރުން ފެށިގެން ކުދިން އުޅެން މިޖެހެނީ ޖިންސީ ގުޅުންތައް ހިންގާ މަންޒަރު އާންމުކޮށް ފެންނަ މުޖުތަމައުއެއްގަ އެވެ. ނަތީޖާއަކަށް ވަނީ އެފަދަ ގުޅުންތައް ހިންގުމަށް ބޭނުންވުމެވެ. އެފަދަ ކަންކަމުން ދުރުވެ، ރައްކާތެރިވެ ތިބުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ލަފާދީފައެވެ.

ޖިންސީ އެދުންވެރިކަމަށް ކެތްނުވާ ފަރާތްތަކަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވަނީ އަވަހަށް ކައިވެނި ކުރުން ނުވަތަ އެފަދަ ތަނަވަސްކަން ނެތްނަމަ ރޯދަ ހިފުން ކަމަށް ޝެއިހް ފިކުރީ ވިދާޅުވިއެވެ.

ނަހަމަ ޖިންސީ ގުޅުންތަކުން އެތައް ގެއްލުމެއް!

ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން، ނުވަތަ އަންސޭފް ސެކްސް އަކީ ޖިންސީ ގޮތުން ގައިންގަޔަށް އަރާ ބަލިތައް ފެތުރުމަށް އޮތް މަގެކެވެ. މިކަމުގެ ސަބަބުން އެޗްއައިވީ، އެއިޑްސް ފަދަ، ފުރާނައަށް ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް އިރު، ދިގު މުއްދަތަކަށް އަސަރުތައް ދެމިގެންދާ އެހެނިހެން ބަލިތައް ވެސް ފެތުރުމުގެ ފުރުސަތު އޮވެ އެވެ. މީގެ އިތުރުން، ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބައެއް ބަލިތައް ކެންސަރަށް ވެސް މަގުފަހި ކުރުވަ އެވެ.

އާންމުވެފައި މި ވަނީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. ޖިންސީ ބަލިމަޑުކަމެއްގައި ޖެހި އެތައް ބަޔަކު އެވަނީ ބަނދެވިފައެވެ. ވިސްނާށެވެ. އަވަހަށް ފިޔަވަޅުތައް އަޅަންޖެހެ އެވެ. އެހެން ނޫންނަމަ މިއީ މުޅި މުޖުތަމައުއަށް އޭގެ އެންމެ ނޭދެވޭ އަސަރުކުރާނެ ބަލިމަޑު ކަމަކަށްވާނެކަމާ މެދު ޝައްކެއްނެތެވެ.

-------------------------------------------------------

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ ފަންނީ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.