14 May 2016, 18:02
އައިފޯނަށް ޚާއްސަކޮށްގެން ގޫގްލްއިން އުފެއްދި ކީބޯޑު "ޖީބޯޑު"ގެ ނަމުގައި ތައާރަފު ކޮށްފި އެވެ.
ޖީބޯޑަކީ، އައިފޯނު ގަންނަ އިރު އޭގައި ހުންނަ ކީބޯޑުގެ ރީޕްލޭސްމެންޓެއްގެ ގޮތުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ ކީބޯޑު އެޕެކެވެ.
ނަމަވެސް ޖީބޯޑުގެ އެންމެ ޚާއްސަ ސިފައަކީ، ކީބޯޑުގެ އެއްފަރާތުގައި އިންނަ ގޫގްލް ސާޗް ފީޗާ އެވެ. ރަހުމަތްތެރިއަކާ ވާހަކަ ދައްކަމުންދާ އިރު، އެއްވެސް ކަމެއް ނުވަތަ އެއްޗަކާ ބެހޭ މައުލޫމާތު ގޫގްލް ސާޗް ކުރަން ބޭނުންވާ ނަމަ، އެ ފީޗާގެ ބޭނުން ކުރެވޭނެ އެވެ.
ސާޗް ބަޓަނަށް ފިއްތާލުމުން ގޫގްލްގެ ކުޑަ ވިންޑޯއެއް ހުޅުވޭނެ އެވެ. އެ ވިންޑޯ ބޭނުންކޮށްގެން، ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދުމަށްފަހު، ވާހަކަ ދައްކަމުން ދިޔަ ރަހުމަތްތެރިއާއަށް އެ މައުލޫމާތު ފޮނުވާލެވޭނެ އެވެ.
މި ކީބޯޑުގައި ވެސް އިމޯޖީސް ހިމެނޭ އިރު، ގްރެފިކްސް އިންޓެގްރޭޓެޑް ފޯމެޓް (ޖީއައިއެފް) ސާޗް އިންޖީނެއް ވެސް ހިމެނެ އެވެ.
ޖީބޯޑު މިހާތަނަށް ރިލީޒް ކުރެވިފައި ވަނީ އައިފޯނަށް ޚާއްސަކޮށްގެން އެކަންޏެވެ. ނަމަވެސް ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައި އެންޑްރޮއިޑް ފޯނުތަކަށް، އިނގިރޭސި ބަހާއި އެހެނިހެން ބަސްތަކުން ވެސް ޖީބޯޑު ލިބެން ހުންނާނެ އެވެ.