ޓެމިލް އަދި ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ރަޖްނީކާންތުގެ އެންމެ ފަހުގެ ޓެމިލް ފިލްމު، "ކަބާލީ"ގެ ޓީޒާ ރިލީޒްކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ޓީޒާ ރިލީޒްކުރިތާ 22 ގަޑިއިރު ނުވަނީސް، އެ ޓީޒާ ވަނީ ފަސް މިލިއަން މީހުން ބަލާފަ އެވެ.

އެ ފިލްމުގެ ޓީޒާ މިހާރު މިވަނީ އިތުރު ރިކޯޑެއް މުގުރާލާފައެވެ. ޓީޒާ ބެލި މީހުންގެ އަދަދު 17.1 މިލިއަނަށް އަރާފަ އެވެ. މިއީ އިންޑިއާގެ ފިލްމެއްގެ ޓީޒާ ބެލި އެންމެ ގިނަ މީހުންނެވެ. އެ ރިކޯޑް ކުރިން އޮތީ، "ދޫމް 3" އަދި ސަލްމާންގެ "ސުލްތާން" އަށެވެ.

މީގެ އިތުރުން ކަބާލީގެ ޓީޒާގައި ރަޖްނީކާންތު ބުނެފައިވާ ޑައިލޮގެއް ވެސް މި ވަނީ ރިންގްޓޯނެއްގެ ގޮތުގައި އިންޑިއާގައި މަޝްހޫރުވެފަ އެވެ.

ޕާ. ރަންޖީތު ޑައިރެޓްކޮށް ލިޔެފައިވާ އެ ފިލްމުގެ މައި ރޯލުން ބޮލީވުޑްގެ އެކްޓަރު ރާދިކާ އަޕްތޭ އާއި ދިނޭޝް ރަވީ އަދި ކިޝޯރުފަދަ ތަރިން ފެނިގެންދާއިރު، ފިލްމުގެ މިއުޒިކް ހަދާފައި ވަނީ ސަންތޯޝް ނަރަޔަނަން އެވެ.

މެލޭޝިއާ އާއި ބެންކޮކު އަދި ހޮންކޮންގުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް އަދި އޮފިޝަލްކޮށް އެކަން އިއުލާންކޮށްފައެއް ނުވެއެވެ.

ފަންނުވެރި ކަމަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އިންޑިއާ ސަރުކާރުން ދޭ ޕަދްމާ ބުޝާން، 2000 ވަނަ އަހަރު އަދި ޕަދްމާ ވިބުޝާން މިއަހަރު ހޯދާފައިވާ ރަޖްނީކާންތުގެ "ކަބާލީ"އަކީ އޭނާ ކުޅެފައިވާ 161 ވަނަ ފިލްމެވެ.