ސްރީލަންކާ ސަރުކާރުގެ ލޯ ބަޖެޓް އެއާލައިން މިހިން ލަންކާއިން، ރޯދަ މަހާ ދިމާކޮށް، މާލެއާ ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތަކުގެ އަގު 50 ޕަސަންޓު ހެޔޮކޮށްފި އެވެ.

މިހިން ލަންކާއިން މައުލޫމާތު ދޭ ގޮތުގައި، ރޯދަ މަހާ ދިމާކޮށް އެ އެއާލައިނުން ތައާރަފު ކުރި މި ފެއާގެ ދެކޮޅު ޓިކެޓުގެ އަގަކީ، ދިވެއްސެއް ނަމަ 107 ޑޮލަރެވެ. އަދި އެހެން ގައުމެއްގެ މީހެއް ނަމަ 120 ޑޮލަރެވެ.

މިހިން ލަންކާއިން މާލެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުގެ ބެގޭޖް އެލަވަންސް އާންމުކޮށް ދެނީ ވަރަށް ކުޑަކޮށެވެ. އެއީ އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް 20 ކިލޯ، އަދި ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް 30 ކިލޯ އެވެ. އެހެން ނަމަވެސް މި ފެއާގެ ދަށުން އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް އިތުރު 10 ކިލޯއާ އެކު 30 ކިލޯގެ ބެގޭޖް އެލަވަންސް ދެވޭ އިރު، ބިޒްނަސް ކްލާހަށް 40 ކިލޯގެ އެލަވަންސް ދެވޭނެ އެވެ.

އެ އެއާލައިނުން ބުނީ، މި ފެއާގައި ޓިކެޓު ވިއްކާނީ މަދުވެގެން ދެ މީހަކު، އަދި ގިނަވެގެން އަށް މީހުން އެކުގައި ދަތުރު ކުރާ ނަމަ ކަމަށެވެ. އަދި މި ފެއާގެ ޓިކެޓުތައް ވިއްކާނީ މާދަމާއިން ފަށައިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މާދަމާއިން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި ޓިކެޓުތަކުގެ ބޭނުން ކުރެވޭނެ ކަމަށް މިހިން ލަންކާއިން ބުނެ އެވެ.

މިހިން ލަންކާއިން ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ފްލައިޓުތައް ބާއްވަ އެވެ. މިހިން ލަންކާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓަކީ އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އެވެ.