14 May 2016, 14:55
ގދ. ގައްދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކާ އޭނާގެ އާއިލާ އިން ހަވާލުނުވުމުން ޖެންޑާ މިނިސްޓްރީ އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން އެ އަންހެން މީހާ އާއިލާއާ ހަވާލުކުރުމަށް މަސައްކަތް ކުރަން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާ މިވަގުތު އޮތީ ގައްދޫ ސިއްހީ މަރުކަޒުގަ އެވެ. އޭނާ މަރުކަޒަށް ގެންދިޔައީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ ގދ. އަތޮޅުން އެކަހަލަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ކަމާބެހޭ އިދާރާތަކާ އެކު މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ޖެންޑާ އިން ހިއްސާކޮށްފަ އެއް ނުވެ އެވެ.
ގައްދޫން ވާހަކަ ދެއްކި މީހަކު ބުނީ، އަންހެން މީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި، އާއިލާއިން އޭނާއާ ހަވާލުވާން އިންކާރު ކުރީ ގޭތެރޭގައި ޖެހުނު މައްސަލައަކަށް ފަހުގައި ކަމަށެވެ.
އުމުރުން 26 އަހަރުގެ އަންހެން މީހާގެ ކުޑަ ތިން ކުދިން ތިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.
ގައްދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ސައީދު ސަން އަށް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުން އެ މަރުކަޒަށް ގެނައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ސިކުނޑީގެ ކޮންމެސް ވަރެއްގެ އުނިކަމެއް ހުންނަ ކުއްޖެއް އެއީ. އޭނާގެ ކޮންމެވެސް ހިތްހަމަނުޖެހުންތަކެއް އުޅޭތީ އިއްޔެ ގެނެސް ފަރުވާދެމުން ދަނީ،" ސައީދު ވިދާޅުވި އެވެ.
ހޮސްޕިޓަލުން ބުނީ އޭނާގެ އާއިލާ މީހުން ހޮސްޕިޓަލުން ފެންނަ ކަމަށެވެ.