14 May 2016, 14:44
އިއްޔެގެ ހުކުރު ނަމާދަށް ދިޔަފަހުން ހަބަރެއް ނުވެގެން ރ. އަލިފުށިން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވައި އެރަށު އަތިރިމަތިން ފެނިއްޖެއެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ފަރުހާދު މުހައްމަދު، 37، އެވެ.
އަލިފުށީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ދާދި ދެންމެއަކު އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށުގައި ކަމަށެވެ. އޭނާގެ ހަށިގަނޑު އޮތީ "ހަލާކުވެފައި" ކަމަށް ޝަރީފް ވިދާޅުވިއެވެ.
"24 ގަޑިއިރުވެފައި އޮތީ އެއީ ޔަގީންކަމެއް، ވަރަށް ބޮޑަށް {ހަށިގަނޑު} ހަލާކުވެފައިއޮތީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަށިގަނޑު ހަލާކުވެފައި އޮތީ ޒަހަމްކޮށްލާފައި ވާތީ ކަމެއް ނުވަތަ އެހެން ސަބަބަކާ ހުރެ ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.
ފަރުހާދު މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ ގެއްލިގެން އާއިލާއިން ހުށަހެޅުމުން ރަށު ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށެވެ. އޭނާއަކީ ފިޓު ޖެހޭ މީހެއް ކަމަށާއި އެކަމަށް ފަރުވާވެސް ހޯދަމުން ދިޔަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފަރުހާދާއި އޭނާގެ އާއިލާއާ ވެސް އަދި އެހެން މީހަކާވެސް އެއްވެސް މައްސަލައެއް ޖެހުނުކަމަށް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.