ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ތެރެއިން، މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފި އެވެ.

ބީއެމްއެލްއިން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވަނީ ގިނަ އަދަދެއްގެ އެވޯޑުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އެންމެ ރަނގަޅު މެނޭޖަރުގެ އެވޯޑާ، އެންމެ ރަނގަޅު ލީޑަރުގެ އެވޯޑާ، ވޮލަންޓިއާ ސާވިސް އެވޯޑާ، ކަސްޓަމާ ސާވިސް ސްޓާ އެވޯޑާ، ބީއެމްއެލްގެ އެންމެ ރަނގަޅު މާލެ ބްރާންޗާ، އެންމެ ރަނގަޅު އަތޮޅު ބްރާންޗުގެ އެވޯޑު ދީފައި ވެ އެވެ.

ބީއެމްއެލްގެ، މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ މަގާމަށް ހޮވިފައި ވަނީ، ބީއެމްއެލް ފެސިލިޓީސް ޔުނިޓުގެ މުވައްޒަފު، މުހައްމަދު އާރިޒްއެވެ.

މި އެވޯޑުތައް ލިބުނު މުވައްޒަފުންނަށް، އެވޯޑު ހަވާލުކޮށްދިނީ ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ އެވެ.

ހީލީ ވިދާޅުވީ، ބޭންކުގެ ކާމިޔާބީގެ ފަހަތުގައި ތިބެނީ މުވައްޒަފުން ކަމަށާ، ރޭގެ ހަފްލާ ވެސް ބޭއްވިގެން ދިޔައީ މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކޮށް، މަރުހަބާ ކިޔުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް އެވޯޑު ދީފައިވަނީ މިދިޔަ އަހަރު އެވެ.