14 May 2016, 11:53
ޑެންގީ ހުން ފެތުރެމުންދާތީ އެކަން ހަމައަކަށް އެޅުވުމަށް ސަރުކާރުގެ މުއައްސަސާ ތަކާއި އެކި ކުންފުނިތައް ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.
މިއަދު ފެށި ކެމްޕޭނުގެ ދަށުން މާލޭގައި ހުރި މަދިރި އުފެދޭ ފަދަ ތަންތަން ނައްތާލާނެ އެވެ. އަދި ގޭގެއަށް ޒިޔާރަތްކޮށް އާންމުން ހޭލުންތެރިކޮށް ގެތަކުގައި ވެސް މަދިރި އުފެދޭގޮތަށް ހުރި ތަނެއްނަމަ އެތަންތަން ނައްތާލާނެ އެވެ.
މިއަދު ފެށި ކެމްޕޭނުގައި ހެލްތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ އެވެ. އޭގެތެރޭގައި އެމްޓީސީސީ، އެސްޓީއޯ އަދި އެޗްޑީސީގެ އިތުރުން ރެޑްކްރެސެންޓާއި ގާލްގައިޑް އަދި ސްކައުޓް ފަދަ ޖަމިއްޔާތައް ވެސް ބައިވެރިވެ އެވެ. އޭގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް އެ ހަރަކާތުގައި ބައިވެރިވާނެ އެވެ.
ކެމްޕޭން ފެށުމަށް ތައިސޭ ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މަދިރި ކޮންޓްރޯލް ނުވެ ރާއްޖޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ޑެންގީ ހުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމުގައި އާންމުންގެ އެހީވެސް އިންތިހާއަށް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް ގޭގައި ހުންނަ ގަސް ހައްދާ ޕޮޓެއްގައި ފެން ހެދިފަ ހުރެދާނެ. ކިތަންމެ ކުޑަ ފެންފޮދެއް ހުންނަ ތަނެއްގައި ވެސް މަދިރި އާލާވެދާނެ. އެހެންވީމަ އެފަދަ ތަންތަން ނައްތާލަން އަބަދު މިނިސްޓްރީން ދިއުމުގެ ބަދަލުގައި އާންމުންވެސް ފަރުދީ ޒިންމާއެއް ގޮތުގައި އެކަން ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑެންގީ ހުމުގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން އަންނަ އިރު، މިއަދު ފެށި ކެމްޕޭނުގެ އެހީގައި މަދިރި ނައްތާލާ ޑެންގީހުމުގެ ނުރައްކާ ކުޑަކުރަން ހުރިހާ އާންމުން މަސައްކަތް ކުރައްވަން އެދިލައްވާ ކަމަށެވެ.