ރާމަﷲ : ފަލަސްތީނުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ރައީސް މަޙްމޫދް ޢައްބާސް ކަށަވަރު ކޮށްދެއްވައިފިއެވެ.

ފަތްޙު ޖަމާޢަތުގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް ޢަމަލުކުރައްވައި ފަލަސްތީނުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވާނެކަން ކަށަވަރު ކޮށްދެއްވާ ކަމުގައެވެ.

ޢަރަބި ވަރަށް ގިނަ ޤައުމުތަކެއްގެ ރައްޔިތުން އެޤައުމުތަކުގައި ދިގުމުއްދަތަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ވެރިންނާ ދެކޮޅަށް ތެދުވަމުންދާ މިދުވަސްވަރުގައި ޢައްބާސްގެ އިތުރުން ޢަރަބި ބައެއް އެހެން ރައީސުން ވެސް ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެކަން ދާދިފަހުން ހާމަކުރައްވާފައެވެ.

ފަލަސްތީނުގެ މައްސަލާގައި ފަލަސްތީނުގެ ޒާތީ މަސްލަޙަތު އިސްކުރުމަށްވުރެ އިސްރާއީލަށާއި އެމެރިކާއަށް ދޫދޭގޮތަށް ޢައްބާސް ގެންގުޅުއްވާ ކަމަށް ބެލެވިފައިވާ ސިޔާސަތުތަކަށް، ޢަރަބި ބައެއް ޤައުމުތަކުގައި ހިނގަމުންދާ ރައްޔިތުން އުތުރިއެރުމުގެ ޙަރަކާތްތަކާ ގުޅިގެން ވަނީ ބަދަލުތަކެއް އަންނަން ފަށާފައެވެ.

މީގެތެރޭގައި އެމެރިކާއާއި އިސްރާއީލުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ސިފަކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތާއެކު ޢައްބާސްގެ ފަތްޙު ޖަމާއަތުން ސުލްހަވުމާއި ޙަމާސް ބައިވެރިކޮށްގެން ފަލަސްތީނުގައި ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް އޭނާ އެއްބަސްވެ ވަޑައިގަތުން ހިމެނެއެވެ.

މިކަމާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު އަޑުއުފުލުމުން ޢައްބާސްވަނީ ކުރިއާ ޚިލާފަށް ފަލަސްތީނުގެ ޤައުމީ މަސްލަޙަތު ކުރިޔަށް ނެރުއްވައި މިދެޤައުމަށް ރައްދު ދެއްވާފައެވެ.

ޙަމާސްއާއި ފަތްޙު ޖަމާޢަތުގެ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގައި ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ޢައްބާސް ގެ ވާހަކަފުޅުގައި ފަލަސްތީނުގެ ޙަމާސް އައި ފަތްޙުގެ ސުލްޙައިގެ ކަންތައްތައް ކުރިޔަށްދާނެ ކަމަށާއި އެކަން ނާކާމިޔާބު ވުމުގެ ފުރްސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. (އަލްޖަޒީރާ)