14 May 2016, 12:39
އުދޭ ޗޯޕްރާ އަދި ނަރްގިސް ފަހުރީ އަކީ ކެޓްރީނާ ކައިފް އަދި ރަންބީރު ކަޕޫރު ފަދައިން ވަރަށް ސިއްރު، ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ދެތަރިން ކަމުގައި އަބަދުވެސް ވާހަކަ ދެކެވެ އެވެ. ދެމީހުންގެ ދެމެދުގައި ގާތް އެކުވެރިކަމެއް ފިޔަވައި އިތުރު ގުޅުމެއް ނެތް ކަމަށް އުދޭ އަދި ނަރްގިސް ވެސް ބުނެ އެވެ. ނަމަވެސް ދެ ތަރިން އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއްވެސް މީގެ ކުރިން ވަނީ އާންމުވެފަ އެވެ.
މި އަހަރު ތެރޭގައިވެސް ނަރުގިސް ވަނީ އުދޭ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް މިއަދު އިންޑިއާގެ ހުރިހާ މީޑިއާއެއްގައި އެއް އަޑަކުން ދެކެވެމުން އަންނަނީ ދެ ތަރިންގެ ކައިވެނީގެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް އުދޭ އެ ކައިވެންޏަށް އިންކާރު ކުރި ވާހަކަ އެވެ.

ފިލްމު "އަޒްހަރު" ގެ މަންޒަރެއްގައި ނަރުގިސް އަދި އިމްރާން ---
ނަރުގިސް އެންމެ ފަހުން ކުޅުނު ފިލްމު "އަޒްހަރު" އިއްޔެ ރިލީޒްކޮށްފައި ވާއިރު، ފިލްމުގެ ޕްރޮމޯޝަންތަކުންވެސް ފަހަކަށް އައިސް ނަރުގިސް ފެނިގެން ގޮސްފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ނަރުގިސް މިހާރު ހުރީ ނިއު ޔޯކްގަ އެވެ. "އަޒްހަރު" އަދި "ހައުސްފުލް 3" ގެ ޕްރޮމޯޝަންތައް މެދުކަނޑާލުމަށްފަހު ކުއްލި ގޮތަކަށް އޭނާ ފުރައިގެން ދިޔައީ ކައިވެނީގެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް އުދޭ އެ ކައިވެންޏަށް އިންކާރު ކުރުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
ނަރުގިސްގެ ގާތް އެކުވެރިޔަކާ ހަވާލާދީ ބޮލީވުޑް ލައިފް ގައި ބުނެފައި ވަނީ އުދޭ އެ ދެމީހުންގެ ގުޅުން ނިންމާލުމާ ގުޅިގެން ނަރުގިސްގެ ހިތް އެއްކޮށް ކުދިކުދިވެފައިވާ ކަމަށާއި، ނިއު ޔޯކަށް ފުރައިގެން ދިޔައީ މަސައްކަތް ކުރެވޭ ވަރަށް ވުރެ އޭނާގެ ހާލު ގޯސްވުމުން ކަމަށެވެ.
ނަރުގިސް އިންޑިއާ ދޫކޮށް ފުރާފައި ވާއިރު، އޭނާގެ އިތުރު ފިލްމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދެ އެވެ. ރަވީ ޖާދަވް ޑައިރެކްޓް ކުރާ "ބަންޖޯ" ގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި ވީނަމަވެސް، ނަރުގިސް ބޮޑު ބްރޭކެއް ނެގުމުގެ ސަބަބުން ފިލްމުގެ މަސައްކަތް ނިމޭނެ ދުވަހެއް ސީދާ ބުނާކަށް ނޭނގެ އެވެ.
އަދި ނަރުގިސް އެނބުރި އިންޑިއާއަށް އަންނާނެތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން އޭނާ ދެން އެނބުރި ނާންނާނެ އެވެ. އަދި ބޮލީވުޑް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ހައުސްފުލް 3 ގެ ޕޯސްޓަރެއް. ނަރުގިސް ދެން އެންމެ އަވަހަށް ފެނިގެންދާނީ އެ ފިލްމުން --
އުދޭ އާއި ނަރުގިސްގެ ކައިވެންޏާ ގުޅުވައިގެން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ނަރުގިސްގެ ތަރުޖަމާނު ބުނެފައި ވަނީ ނަރުގިސް އެނބުރި ނިއު ޔޯކަށް ދިޔައީ ސިއްހީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުންނެވެ.
ތަރުޖަމާނު އިންޑިއާގެ ނޫހަކަށް ބުނެފައި ވަނީ ތިން ފިލްމުގެ މަސައްކަތް އެއް ފަހަރާ ކުރަން ޖެހުމުގެ ސަބަބުން ނަރުގިސް ވަރަށް ބޮޑަށް ސްޓްރެސް ވެފައިވާ ކަމަށާއި، އަދި ސިއްހީ ގޮތުންވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
އެހެންކަމުން ނިއު ޔޯކުގައި އެއް މަސް ދުވަހު މަޑުކޮށް، ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުމަށް ފަހު ނަރުގިސް އެނބުރި އަންނާނެ ކަމަށް ތަރުޖަމާނު ވަނީ ބުނެފަ އެވެ.

ރޮކްސްޓާގެ މަންޒަރެއް. އެއީ ނަރުގިސް ބޮލީވުޑަށް ތައާރަފުވި ފިލްމު
މި އަހަރަކީ ބޮލީވުޑުގެ ގިނަ ޖޯޑުތައް ވަކިވާ އަހަރެއްގެ ގޮތުގައި ފާހަގަވެފައި ވާއިރު، ނަރުގިސް އަދި އުދޭގެ ގުޅުން ނިމުމަކަށް އައުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.