ކެންސަރު ސެލްތައް ހަށިގަނޑުގައި ދައުރުވުން ހުއްޓުވައި، ކެންސަރު ފެތުރުން ހުއްޓުވޭނެ ބޭސްތަކެއް ސައިންސުވެރިން ހޯދައިފި އެވެ.

ކެންސަރު ހަށިގަނޑުގައި ފެތުރެނީ ޓިއުމަރެއްގައި ހުންނަ ކެންސަރު ސެލްތައް ޓިއުމަރުން ވަކިވެގެން ގޮސް ހަށިގަނޑުގެ އެހެން ސަރަހައްދެއްގައި އިތުރުވާން ފެށުމުންނެވެ. ކެންސަރު ޖެހިގެން މަރުވާ މީހުންގެ ތެރެއިން 90 ޕަސެންޓު މީހުން މަރުވަނީ ހަށިގަނޑުގެ އެހެން ސަރަހައްދުތަކަށް ކެންސަރު ފެތުރުމުގެ ސަބަބުންނެވެ.

ޔޫއެސް ނެޝަނަލް ކެންސާ އިންސްޓިޓިއުޓުން ފަންޑުކޮށްގެން ކުރިއަށްގެންދާ ދިރާސާއެއްގައި ހިމެނޭ ސައިންސުވެރިން މިހާރު ވަނީ ކެންސަރު ސެލްތަކުގައި އޮޓޯފެޖީ ކިޔާ ޕްރޮސެސްއެއް ހުއްޓުވުމުން ވާގޮތް ދިރާސާ ކުރަން ނިންމާފަ އެވެ.

އޮޓޯފެޖީއަކީ ސެލްތަކުގައި ހުންނަ ހަލާކުވެފައިވާ ބައިތަކާއި ބޭނުން ނުކުރެވޭ ޕްރޮޓީންތައް ނައްތާލާ، ސެލްތަކަށް ނުރައްކާވާ ތަކެތި ނައްތާލާ ޕްރޮސެސްއެކެވެ. އަދި ސެލްގައި ހުންނަ އޮޓޯފެޖީއާ ގުޅޭ ޖީންތައް ނައްތާލުމުން ކެންސަރު ސެލްތައް ދައުރުވުން ހުއްޓުވޭ ކަމަށް ސައިންސުވެރިންނަށް ފާހަގަ ކުރެވުނެވެ.

"ސެލްތައް ހަމަ ތިބިތާ ހަރުލާފަ ތިބެނީ. މައިކްރޮސްކޯޕުން ބެލީމަ ފެންނާނެ ސެލްތައް ދައުރުކުރަން މަސައްކަތް ކުރާ މަންޒަރު. ނަމަވެސް ސެލްތަކަށް އެކަން ކާމިޔާބެއް ނުވޭ،" ދިރާސާ ކުރާ ޓީމްގެ ލީޑަރު، ޕްރޮފެސަރު ކޭ މެކްލޮއިޑް ވިދާޅުވި އެވެ.

އޮޓޯފެޖީ ހުއްޓުވާ ބޭސްތަކެއް މިހާރުވެސް ބޭނުން ކުރަމުންދާ ކަމަށް ސެލް ރިޕޯޓްސް ކިޔާ ސައިންސް ޖާނާލްއެއްގައި ހިމަނާފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ބޭސް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން، މިހާރުވެސް އިނގިރޭސިވިލާތުގައި އާތުރައިޓިސްއަށާއި، މެލޭރިއާއަށް ފަރުވާ ކުރަން ބޭނުން ކުރަމުންދެ އެވެ.

އަދި އެބޭސް ބޭނުން ކުރުމުން ޓިއުމަރު ބޮޑުވުން ހުއްޓުވޭތޯ ބެލުމަށް ތަހުލީލުތައް ކުރަމުން އެބަދެ އެވެ.

"ނަމަވެސް، ކެންސަރު ފެތުރުން ހުއްޓުވޭތޯ ބެލުމަށް އަދި އެބޭސް ތަހުލީލުކޮށްފައި ނުވޭ،" ޕްރޮފެސާ މެކްލޮއިޑް ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ކުރަން ފަސޭހައީ ކެންސަރު ސެލްތައް ހަށިގަނޑުގެ އެހެން ސަރަހައްދަކަށް ފެތުރުމުގެ ކުރިން ކަމުން، ކެންސަރު ސެލްތައް ފެތުރޭ ގޮތް ބަލައި، އެކަން ހުއްޓުވޭނެ ގޮތް ހޯދުމަކީ މުހިއްމު ދިރާސާއެއް ކަމަށް ކެންސާ ރިސާޗް ޔޫކޭގެ ސައިންސް އިންފޮމޭޝަން މެނޭޖަރު، ނެލް ބެރީ ވިދާޅުވި އެވެ. ނަމަވެސް، ކެންސަރު ސެލްތަކުގައި އޮޓޯފެޖީ މަސައްކަތް ކުރުން ހުއްޓުވައިގެން، ކެންސަރު ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި ކެންސަރު ފެތުރުން ހުއްޓުވޭތޯ ބެލުމަށް އިތުރު ތަހުލީލުތައް ހަދަން ޖެހޭ ކަމަށް ވެސް ބެރީ ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)