ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، "ފީފާ"ގެސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭކަނބަލަކު ހަމަޖައްސައިފިއެވެ. އެމަގާމަށް މިފަހަރު އައްޔަންކޮށްފައި ވަނީ، ދއ.ގައި ދިގުމުއްދަތަކަށް ޚިގުމަތްކޮށްފައިވާ އަދި މިހާރުވެސް އދ.ގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ސެނެގާލްގެ ބޭކަނބަލެއް ކަަމަށްވާ ފާޠިމާ ސަމްބާ ސަމޫރާއެވެ.

ފީފާގެ އާ ރައީސް ގިއާނީ އިންފެންޓިނޯ އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފާޠިމާ ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި ޖެރޯމް ވޯލްކޭ، ކޮރަޕްޝަން މައްސަލަ ތަކާކާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން 12 އަހަރަށް ސަސްޕެންޑް ކުރުމާ ގުޅިގެން އެ މަގާމް ހުސްވެފައިވާތީ އެވެ.

އދ.ގައި 21 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މިހާރު އުމުރުން 54 އަހަރުގެ ސަމޫރާ، ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތައް ފައްޓަވާނީ އަންނަ ޖޫން މަހުއެވެ.

އިންފެންޓީނޯ ވިދާޅުވީ، ކޮރަޕްޝަނާ ފަސާދައިގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް މިހާރު ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް، އެ އިދާރާ ތާޒާކޮށް، ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ފީފާ ފަދަ ޖަމިއްޔާއެއް ރަނގަޅު ގޮތުގައި ކުރިއަރުވައި ހިންގޭނޭ ވިސްނުމާއި ގާބިލުކަން ފާތިމާގެ ކިބައިގައި ހުރިކަން އޭނާ ސާބިތުކޮށްދެއްވާފައިވާ ކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

ފީފާގެ އާ ރައީސް ގިއާނީ އިންފެންޓިނޯ، ފީފާ މެކްސިކޯ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ބީބީސީ

ފީފާގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ފާތިމާ ސަމޫރާ ހަމަޖެއްސެވިކަން އިއުލާނުކޮށްފައި ވަނީ، ޖެރޯމް ވޯލްކޭއާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާގުޅިގެން ލައްގަނޑު ޖެހިފައިވާ ފީފާއަށް، މުޅިން އާ ބަދަލުތަކެއް ގެނައުމަށް މެކްސިކޯގައި ބޭއްވި ފީފާ ކޮންގްރެސްގައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ހިންގެވުމާ 1998 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ އަހަރު ފީފާގެ ރައީސްކަމުގެ މަގާމުން ދުރުކުރެވުނު ބްލެޓާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ ހަ އަހަރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު، ފީފާގެ ރައީސްކަމަށް އަލަށް އިންތިޚާބުވި، އިންފެންޓިނޯ ވިދާޅުވެފައި ވަނީ، ފީފާއަށް އަލުން ފުޓްބޯޅަ ގެނެސް ފުޓްބޯޅައާ ފީފާ ގުޅުވައިދިނުމަށް އޭނާ ވަރުގަދަ ޖިހާދެއް ކުރައްވާނޭ ކަމަށެވެ.

އދ.ގެ މަންދޫބެއްގެ ގޮތުން ނައިޖީރިއާގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ފާތިމާ ސަމޫރާ އަކީ ފުޓްބޯޅައިގެ ދާއިރާގައި މީގެ ކުރީން ދުވަހަކުވެސް ޚިދުމަތްކޮށްދީފައިވާ ބޭކަނބަލެއް ނޫނެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމްގެ ސީނިއާ ލޮޖިސްޓިކް އޮފިސަރެއްގެ ގޮތުގައި 1995 ވަނަ އަހަރު އދ.ގައި ޚިދުމަތްކުރައްވަން ފެއްޓެވި ފާތިމާ ވަނީ އޭގެ ފަހުން، ނައިޖީރިއާ ހިމެނޭގޮތަށް ހަ ގައުމެއްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްކަން ކުރައްވައިފައެވެ.

"މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މި ޒިންމާއާ ހަވާލުވުމުގެ ޝަރަފް އަޅުގަނޑު ލިބިގަންނަން،" ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ފާޠިމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފީފާގައި އަދާކުރައްވަން ޖެހޭ ދައުރަކީ އޭނާގެ ހުނަރާއި ތަޖްރިބާއާ ވަރަށް ގުޅޭ، މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ކުރިއެރުވުމަށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އެ ކަންކަން ކުރާނޭ ވަރުގަދަ ޓީމްތަކެއް އުފައްދަވާނޭ ކަމަށްވެސް ފީފާގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.