14 May 2016, 11:11
ޔޫކްރެއިނުން ރާއްޖެއަށް އާ ސަފީރަކު ހަމަޖައްސައިފި އެވެ.
ޔޫކްރެއިންގެ ރައީސް ޕީޓްރޯ ޕޮރޮޝެންކޯ، ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ، ޔޫކްރެއިނުން އިންޑިއާއަށް ވެސް ހަމަޖައްސަވާފައި ހުންނަވާ ސަފީރު ޑރ އީގޯރް ޕޮލިޚާ އެވެ.
ޑރ އީގޯރް އިންޑިއާގެ ސަފީރުގެ މަގާމަށް އައްޔަނު ކުރެވުނީ މި އަހަރުގެ އޭޕްރިލް މަހު އެވެ. އަދި އޭނާ ވަނީ ސަފީރު ކަމުގެ ފަތްކޮޅު، އޭޕްރިލް މަހުގެ ކުރީކޮޅު އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީއަށް އަރުއްވައިފަ އެވެ.
ޔޫކްރެއިނުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް ޑރ އީގޯރް އައްޔަނު ކުރެވިގެން ދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
މީގެ ކުރިން ޔޫކްރެއިނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރަކީ، އެގައުމުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އޮލެކްސަންޑަރ ޝެވްޗެންކޯ އެވެ.