މޮސްކޯ(މޭ 14): އެމެރިކާއިން ޔޫރަޕްގައި ރުކުރުވާލައި މިހާރު ޚިދްމަތަށް ނެރެފައިވާ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމު ފޫއަޅުވާލުމަށް ރަޝިޔާ ތެދުވާނެ ކަމުގެ އިންޒާރު ރައީސް ވްލަޑިމިއަރ ޕޫޓިން ދެއްވައިފިއެވެ.

ރަޝިޔާގެ ހަތިޔާރާއި އަސްކަރީ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ އެމެރިކާއިން ރުމޭނިޔާގައި ގާއިމްކުރި މިސައިލް އައްޑަނައިގެ ނިޒާމަކީ ސީދާގޮތެއްގައި ރަޝިޔާއަށް އަމާޒުކޮށްގެން ބިނާކުރި ނިޒާމެއްކަމަށާއި އޭގެ ބާރުކަނޑުވާލުމަށް ޓެކްނޮލޮޖީގެ ބޭނުންކުރުމަށް ރަޝިޔާ އަވަސްވެގަންނަންޖެހޭ ކަމުގައެވެ.

ރަޝިޔާގެ އަވަށްޓެރި ރުމޭނިޔާގައި އެމެރިކާ ރުކުރުވާލި މިސައިލް އައްޑަނައިގެ ނިޒާމަކީ 800 މިލިޔަން ޑޮލަރުގެ އަގުހުރި ވަރަށް ގާބިލް ނިޒާމެކެވެ. މިނިޒާމު އެމެރިކާއިން ރުކުވާލީ އެމެރިކާއަށް ނުކިޔަމަންތެރި ގައުމުތަކުގެ ގޮތުގައި އެމެރިކާ ސިފަކުރާ އުތުރުކޮރެޔާއާއި އީރާންގެ މިސައިލް ޓެކްނޮލޮޖީގެ ނުރައްކަލުން ޔޫރަޕް ހިމާޔަތް ކުރުމުގެ ނަމުގައެވެ. ނަމަވެސް ހަގީގަތުގައި އީރާނާއި އުތުރުކޮރެޔާގެ އެއްވެސް ނުރައްކަލެއް ޔޫރަޕަށްނެތް ކަމަށާއި ޔޫރަޕާ އުތުރުކޮރެޔާ ދެމެދުވެސް އަދި ޔޫރަޕާއި އީރާނާދެމެދުވެސް ދުޝްމަންކަމެއް ނެތުމުން އެދެގައުމުގެ ޙަމަލާއެއް ޔޫރަޕަށް އައުމުގެ ވާހަކައަކީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.

މިއާއެކު ރަޝިޔާއިން ނިންމާފައިވަނީ މިއީ އޮޅުވާލުމެއްގެ ތެރެއިން އެގައުމުގެ މެދުރާސްތާގެ ނިއުކްލިޔަރ މިސައިލް ތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި އެމެރިކާ ރުކުރުވާލި ނިޒާމެއްކަމުގައެވެ. ޕޫޓިން ވިދާޅުވީ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ބޭނުމަކީ އެމެރިކާއާއި ޔޫޕަރަށް ޙަމަލާދެވޭފަދަ ގާބިލްކަން ލިބިފައިވާ ރަޝިޔާގެ މެދު ރާސްތާގެ ނިއުކްލިޔަރ މިސައިލްތަކަށް ހުރަސްއެޅުންކަމަށާއި އެހެންކަމުން އެމެރިކާއިން ރުމޭނިޔާގައި ރުކުރުވާލި މިސައިލް އައްޑަނައިގެ ނިޒާމު ފޫއަޅުވާލުމަށް ރަޝިޔާއަށް ލިބިފައިވާ ހުރިހާ ބާރަކާއެކު ތެދުވާނެ ކަމުގައެވެ.

އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގައިވާ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލް މަތަކުރުމުގެ ގާބިލްކަން އެމެރިކާގެ ނިޒާމަށް ލިބިގެނެއްނުވިނަމަވެސް ރަޝިޔާގެ މެދުރާސްތާގެ ނިއުކްލިޔަރ މިސައިލް ހުއްޓުވުމުގެ ގާބިލްކަން އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމަށް ލިބިގެންވެއެވެ. އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމު ފޫއަޅުވާލުމުގެ ޓެކްނޮލޮޖީއެއް ތަރައްގީކުރުމުގެ އިލްމީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން ރަޝިޔާއަށް ލިބިގެންވާއިރު މިކަމަށް ރަޝިޔާ ދެތުވުކަކީ އެދެގައުމުގެ ދެމެދުގައި ހަތިޔާރުގެ ރޭހެއް އަލުން އުފެދުންކަމަށް މުޙައްލިލުން ދެކެއެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔަފަހުން ރަޝިޔާވަނީ އަސްކަރީ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ސިނާއަތު ވަރަށްބޮޑަށް ތަރައްގީ ކޮށްފައެވެ. ދުނިޔޭގައި އަސްކަރީ އެންމެ ބޮޑު ދެބާރަކީ އަދިވެސް އެމެރިކާއާއި ރަޝިޔާއެވެ. ތިންވަނަ ބާރަކީ ޗައިނާއެވެ. (ރޮއިޓާސް)