ދިރާގު ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް އާ ޑިރެކްޓަރަކު ހަމަޖައްސައިފި އެވެ.

ދިރާގުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ބޯޑަށް އައްޔަނު ކޮށްފައިވަނީ ބަހްރައިނުގެ ބޭފުޅެއް ކަމުގައިވާ ރާއިދު އަބްދުﷲ ފަޚްރީ ކަމަށެވެ. ދިރާގުގެ ބޯޑަށް ފަޚްރީ އައްޔަނު ކުރެވިގެން ދިޔައީ، މެއި ނުވަވަނަ ދުވަހު އެވެ.

ދިރާގުން ބުނީ، އެކުންފުނީގެ ބޯޑަށް ފަޚްރީ އައްޔަނު ކުރީ، 2013 ވަނަ އަހަރުގެ އޭޕްރިލް މަހު އެ ބޯޑަށް އައްޔަނު ކުރެވިގެން ދިޔަ ޑިރެކްޓަރު އަބްދުލްރައްޒާޤް އަލް ގާސިމްގެ ބަދަލުގައި ކަމަށެވެ.

ބަޓެލްކޯގެ ފަރާތުން ދިރާގުގެ ބޯޑަށް އައްޔަނު ކުރެވިގެން ދިޔަ ރާއިދު އަބްދުﷲ ފަޚްރީއަކީ ބަޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ބިޒްނަސް ޑިވެލޮޕްމެންޓާއި އިންވެސްޓްމެންޓް ބޭންކިންގގެ ދާއިރާއިން 20 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ރާއިދު އަބްދުﷲ ފަޚްރީ ވަނީ، ބަޓެލްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް ޔުނިޓުގެ ސީނިއާ މެނޭޖަރުކަން ނުވަ އަހަރު ދުވަސް ވަންދެން ކުރައްވައިފަ އެވެ.