14 May 2016, 09:40
ކުރިއަށްއޮތް ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން، ދީނީ ކަންތައްތަކަށް އިސްކަންދީގެން ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ ރޯދަމަހު ކިޔަވައިދިނުން ކުރިއަށްގެންދާއިރު ވަގުތު ފާއިތުނުވަނީސް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ ގޮތަށް ގަޑިތައް ހަމަޖެއްސުމަށެވެ. ހަމައެއާއެކު ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުމާއި ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް ދީނީ ހަރަކާތްތައް ސްކޫލުގައި ހިންގުމަށް އަންގާފައިވެއެވެ.
މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރޭގައި ސްކޫލުގައި ހަރަކާތެއް ކުރިއަށް ނުގެންދިއުމަށާއި ރޭގަނޑު ބާއްވާ ހަރަކާތްތަކުގައިވެސް ތަރާވީހް ނަމާދުގެ ވަގުތާ ފުށުނާރާގޮތަށް ބޭއްވުމަށް ވަނީ އަންގާފައެވެ.
ރޯދަ މަހު ހެނދުނު ދަންފަޅީގެ ކިޔެވުން ހެނދުނު 8:40 ނުވަތަ 9:00 ގައި ފެށުމަށް އަންގާފައިވާއިރު މެންދުރު ދަންފަޅީގެ ކިޔެވުން ފެށުމަށް އަންގާފައިވަނީ 11:30 އިން 13:00 އާއި ދެމެދު ވަގުތެއްގައެވެ. އަދި މެންދުރު 3:00ގެ ކުރިން ކިޔަވައިދިނުން ނިންމުމަށްވަނީ އިލްތިމާސްކޮށްފައެވެ.
ގްރޭޑް އެކަކުން ހަތަކާއި ދެމެދު ކިޔަވާ ދަރިވަރުންނަށް ދެ ގަޑިއިރާއި 30 މިނެޓު ކިޔަވައިދިނުމަށް އަންގާފައިވާއިރު ގްރޭޑް އަށަކާއި 10 އަކާއި ދެމެދުގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދިނުމަށް ވަނީ އަންގާފައެވެ. އަދި ގްރޭޑް 11 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހަތަރު ގަޑިއިރު ކިޔަވައިދިނުމަށް ވަނީ އަންގާފައެވެ.
ރޯދަ މަސްނިމި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުވެސް އެގޮތަށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ.