ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހަވީރު 4:45 އެހައިކަންހާއިރު ރާޅުގަނޑު ސަރަހައްދުގައި މޫދަށް އެރި އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެ ސަރަހައްދުގައި ރާޅާއެޅުމަކީ މަނާކަމެއް ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީގެކުރިން ވެސް އެކި ދުވަސްމަތިން ފުލުހުން ވަނީ ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަރަން މޫދަށް އެރި ތިބި ބަޔަކު ހައްޔަރުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ރާޅާ އެޅުން މަނާކޮށްފައި ވަނީ ހުޅުލެއާ މާލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދަށް މޫދަށް އެރިއުޅުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތީ ކަމަށެވެ.