މުހައްމަދު އަބްދުﷲ މުހައްމާގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން އަހަރު ތަކަކަށްފަހު ހެދި ފިލްމު ވަފާތެރި ކެހިވެރިޔާއަކީ ހއ. ކެލާގައި ކުޅެފައިވާ ފިލްމެކެވެ.

ފިލްމު ޕްރޮމޯޓް ކުރުމަށްޓަކައި ވަރަށް ބޮޑު ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. "ވަފާތެރި ކެހިވެރިޔާ ނައިޓް" މިނަމުގައި ރަސްފަންނުގައި ވަނީ އެ ފިލްމު ޕްރޮމޯޓް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި 15000 ޑޮލަރަށް ވަފާތެރި ކެހިވެރިޔާ ވަނީ މޯލްޑިވިއަން އައިޑަލްގެ ސީޒަން 1 ސްޕޮންސާ ކޮށްފައެވެ.

ފިލްމް ޕްރޮމޯޓް ކުރުމަށް މޯލްޑިވިއަން އައިޑޮލްއާ ގުޅީގެން ހާއްސަ ޝޯއެއް ބޭއްވި އެވެ.

މިހުރިހާ ޕްރޮމޯޝަނަކާ އެކު ފިލްމަކީ ކާމިޔާބު ފިލްމެއްތޯ ނުވަތަ މީހުންގެ ހިތްތަކުން ފިލްމަށް ޖާގައެއް ދެވުނުތޯ ބަލާލުން މުހިންމެވެ.

ފިލްމުގެ ތަރިން:

  • އަލީ ސީޒަން
  • މަލީހާ ވަހީދު (މަލް)
  • ޒީނަތު އައްބާސް
  • އިބްރާހީމް ނަސީރު (ފެންސިރު އިއްބެ)
  • އަހުމަދު ސައީދު
  • އަހުމަދު އަޒުމީލް

މި ފިލްމަކީ ތިނެސްކަން ލޯބީީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ޒީނަތަކީ ސީޒަންގެ އަނބިމީހާއެވެ. މަލް އަކީ ސީޒަންއާ ހިތާވެގެން އުޅޭ މީހެކެވެ. މަލް ސީޒަންއާ ކައިވެނިކުރަން ބުނުމުން ސީޒަން ހުށަހެޅީ ޒީނަތު މަރާލުމަށެވެ. މަރާލައިފިނަމަ މަލްއާ ކައިވެނިކުރާނެ ކަމަށް ބުންޏެވެ. މުޅި ފިލްމުގެ ލީޑްރޯލް ކުޅެފައި ވަނީ މަލްއެވެ. މި ފިލްމުގައި އޭނާ ދެއްކި އެކްޓިންއާ މެދު އެއްވެސް މީހަކު ނުގޮސްގެން ނޫޅޭނެއެވެ. އެހާވެސް ފުރިހަމަ އެހާމެ ހިތްގައިމު އެކްޓިންއެއް މަލް ވަނީ މި ފިލްމުގައި ދައްކައިފައެވެ.

ފިލްމުގައި އާންމުކޮށް ދިވެހި ފިލްމުތަކުގައި ހުންނަ ސްޓައިލް ހުއްޓަސް މި ފިލްމު ބެލި ގިނަ މީހުން ބުނަނީ ފިލްމު ކަމުދާ ކަމަށެވެ. ފިލްމު ވަރަށް ރީތި ކަމަށެވެ. މި ފިލްމު ކެމެރާކޮށްފައިވަނީ މިހާރަކަށް އައިސް ދިވެހި ފިލްމުތައް ކެމެރާ ކުރާ ގޮތަކަށްކަން ފާހަގަކޮށްލެވެއެވެ. އެއީ ޑްރޯން ބޭނުންކޮށްގެން ބައެއް ޝޮޓްތައް ނަގާފައިވެ އެވެ. އެހެންގޮތަކަށް ބުނަންޏާ ބުނެވޭނީ ފަހަކަށް އައިސް ދިވެހި ފިލްމުތަކުގެ ކެމެރާ ކުރުމަށް ވަނަދޭވަރުވެ އެވެ. މި ފިލްމާ މެދު ބުނެވޭނީ މިއީ އާންމުކޮށް ދިވެހި ފިލްމީ ދާއިރާއިން ފެންނަކަހަލަ ފިލްމެއް ކަމަށެވެ. މި ފިލްމުގައި މީހުން ހައިރާންކޮށްލާފަދަ މުޅިންއާ ކަންތައްތަކެއް ފެނިފައެއް ނުވެއެވެ.

މި ފިލްމާ ބެހޭގޮތުން ޑައިރެކްޓަރު ސީޒަން ބުނީ އަދިވެސް ބުނަން ބޭނުންވަނީ ބެލުންތެރިންނަށް މި ފިލްމު ކަމުނުގޮސްފިނަމަ ދެން ދުވަހަކު ވެސް ފިލްމެއް ނަހަދާނެ ކަމަށެވެ.

އޭނާ ބުނީ މިހާތަނަށް އޮލިމްޕަހުގައި ފިލްމުގެ ހަތަރު ޝޯ އަޅުވާފައިވާއިރު، ކޮންމެ ރެއަކު ވެސް އޮލިމްޕަސް އޮންނަނީ ފުލްވެފައި ކަމަށެވެ. އަދި މިހާރުވެސް ގިނަ މީހުން ޓިކެޓު ގަންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ މީހަކު ވެސް ބުނަނީ ފިލްމު ރަނގަޅު ކަމަށް،" ސީޒަން ބުންޏެވެ.

ފިލްމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ ވަރަށް ޗެލޭންޖިން މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެންމެ އުފާވި ކަމަކީ މަލް ކަހަލަ ފިލްމީ ދާއިރާއަށް އާ ކުއްޖަކާ އެކު ރަނގަޅު ޕާފޯމަންސެއް ފިލްމުގައި ދެއްކިފައިވުމެވެ.

"މި ފިލްމުގެ ޑައިރެކްޝަނާ މެދު ވަރަށް ހިތްހަމަޖެހޭ. ބެކް މިއުޒިކާއި ސިނެމޮޓޯގްރަފީއާ މެދު ވެސް ހިތްހަމަޖެހޭ،" ސީޒަން ބުންޏެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކުލަގަދަ ހަފްލާއަކާ އެކު ޕްރިމިއާކުރި މި ފިލްމަށް އަތޮޅުތެރެއިން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުންޏެވެ.

މި ފިލްމު ޕްރިއާކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އާއި މޯލްޑިވިއަން އައިޑަލްގެ އެއްވަނަ ހޯދި ލައިޝާ ޖުނައިދެވެ.

މިއަހަރުގެ ތެރޭގައި ފިލްމަކަށްފަހު ފިލްމެއް އަންނަނީ ރިލީސް ކުރަމުންނެވެ. ސީޒަންގެ "އަހުޝަމް" ފިލްމުގައި ތަފާތު "މޮޅު" މަންޒަރެއް ފެނިގެން ދިޔަ ނަމަވެސް ދެން ހުރި ފިލްމުތަކުން އެފަދަ މަންޒަރެއް ފެނިފައެއް ނުވެއެވެ.