13 May 2016, 21:54
އިންޑިއާގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ނޫން ކަމަށް ހަމަޖެއްސެން ނެތް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކުރިންވެސް އިންޑިއާގެ ގާނޫނުލް އުގޫބާތުގައި ބުނެފައިވާގޮތުން އެއީ ޖިނާއީ ކުށެކެވެ. ނަމަވެސް އެމާއްދާ ބާތިލުކޮށްދިނުމަށް އެދި މައްސަލަ ހުށަހެޅީ ކޮންގްރެސްގެ ނައިބު ރައީސް ރާހުލް ގާންދީއާއި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް އާއި ބަހަރަތިޔާ ޖަނަތާ ޕާޓީގެ ލީޑަރު ސަބްރަމާނިއަން ސްވާމީ އެވެ.
އެމައްސަލަ ބަލައި ސުޕްރީމް ކޯޓުން ކަނޑައެޅީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ރަނގަޅު ކަމަށެވެ.
އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 499 އަދި 500 ވަނަ މާއްދާގެ ދަށުން އަބުރާ ބެހުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ހައްދިނުމަށާއި އެހެން މީހުންގެ ހައްގުތައްވެސް ހިމާޔަތް ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ގާނޫނުލްއުގޫބާތުގެ 499 އަދި 500 ވަނަ މާއްދާ
- 499 ވަނަ މާއްދާ - ލިޔާ އެއްޗަކުން، ކުރާ އަމަލަކުން އާންމުކުރާ މައުލޫމާތަކުން ވިޔަސް މީހެއްގެ އަބުރު ގެއްލިއްޖެ ކަމަށް ނުވަތަ ގެއްލޭނެ ކަމަށް އެމީހަކަށް ގަބޫލުކުރެވޭނަމަ ކޮންެމެ މީހެއްގެ އަމަލެއްނަމަވެސް އަބުރުގެ ދައުވާ ދައުވާ ކުރެވޭނެ
- 500 ވަނަ މާއްދާ - މީހެއްގެ އަބުރު ނަގާލެވޭ މީހަކު އެންމެ ގިނަވެގެން ދެއަހަރަށް ޖަލަށް ލުން ނުވަތަ ޖޫރިމަނާ ކުރުން ނުވަތަ ދެ އަދަބު އެއްފަހަރާ ދިނުން
މައްސަލަ ހުށަހެޅި މީހުންގެ ތެރެއިން ރާހުލް ގާދީ އަދި ސުވާމީއާ ދެކޮޅަށް އިންޑިއާގެ ގާނޫނުލްއުގޫބާތުގެ 499 ވަނަ މާއްދާ އަދި 500 ގެ ދަށުން ވަނީ އަބުރުގެ ދައުވާ އުފުލާފަ އެވެ. އެއީ ޓަމިލް ނާޑޫގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ދެއްކި ވާހަކައަކާ ގުޅިގެންނެވެ.
އެމީހުން މައްސަލަ ހުށަހަޅާފައި ވަނީ އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ ގާނޫނުއަސާސީގެ 19 ވަނަ މާއްދާގެ ދަވަނަ ނަމްބަރުގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހަނިކަން ލިބިގެންދާނެ ކަމެކެވެ.
"މިނިވަންކަމާއެކު ވާހަކަދައްކަން ލިބޭ ހައްގަކީ އެހެން މީހުންގެ ހައްގުތަަކަށް ނުވަތަ އެހެންމީހުންގެ އަބުރު ނަގާލަން ދެވޭ ހައްގަކަށް ވެގެން ނުވާނެ. އެހެންވީމަ އަބުރު ގެއްލިއްޖެ ކަމަށް ގަބޫލުކުރެވޭނަމަ އެވާހަކައެއް ދެއްކި މީހަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމުގެ ހައްގު ލިބިގެންދާނެ،" އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕޭ ޕާޓީއިން ސުޕްރީމް ކޯޓުގެ ނިންމުމަށް ތާއީދު ކުރެ އެވެ. އަދި ގާނޫނުލް އުގޫބާތަށް ތާއީދު ކުރެ އެވެ.