13 May 2016, 21:48
ސިޔާސީ ފަރާތްތަކަށް ފޫއަޅުވާލެވޭ ވަރަށްވުރެ ފުލުހުންގެ ހިތުގެ އަޒުމު ވަރުގަދަވާންޖެހޭ ކަމަށާއި ގައުމާއި ދީނުގެ އަދާވާތްތެރިންނަށް ހުޅުވޭ ވަރަށްވުރެ ފުލުހުންގެ އަޒުމާއި ހިތްވަރުގެ ތަޅުތައް ވަރުގަދަވާންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަރީފް ވިދާޅުވީ ފުލުހުންގެ ކުރިއެރުމުގެ އަސްލަކަށް ނުވަތަ އެކަމުގެ ސިއްރަކަށް ހަދަންވީ އަމާނާތްތެރިކަމުގެ މަތިވެރި އަޒުމް ކަމަށެވެ.
ފުލުހުންގެ ޚިދުމަތް ފެށެންވީ އަދި އެ ހިދުމަތް ބިނާވެގެން އަންނަންވީ "އަމާނާތްތެރިކަމުގެ ތަރަހައިގެ މަތީގައި އިހްލާސްތެރިކަމުގެ ބިންގަލުގެ މަތީގައި" ކަމަށް އަރީފް ވަނީ ވިދާޅުވެފަ އެވެ.
"ސިޔާސީ ފަރާތްތަކަށް ފޫއަޅުވާލެވޭ ވަރަށްވުރެ ފުލުހުންގެ ހިތުގެ އަޒުމު ވަރުގަދަވާންޖެހޭ ކަމަށާއި ގައުމާއި ދީނުގެ އަދާވާތްތެރިންނަށް ހުޅުވޭ ވަރަށްވުރެ ފުލުހުންގެ އަޒުމާއި ހިތްވަރުގެ ތަޅުތައް ވަރުގަދަވާންޖެހޭ،" ސީޕީ ވިދާޅުވި އެވެ.
މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާއި ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް، އިޝާރާތްކުރައްވައި އަރީފް ވިދާޅުވީ ޔުނީފޯމަށް އިތުރުވެގެންދިޔަ ވިދުންތަކާއި ހައިބަތު ރަމްޒުކޮށްދެނީ މި ޤައުމަށް އަމާނާތްރިވުމާއެކު، މުރާލިކަމާއި ހީވާގިކަން ކުރިއަށްނެރެ އަދާކުރާ ވާޖިބާއި ޒިންމާގައި ފަރުވާތެރިވުން ކަމަށެވެ.
" ޔުނީފޯމަށް އަންނަ މިފަދަ ކޮންމެ ވިދުމަކާއެކު ބޮޑުވެގެންދާ މަސްއޫލިއްޔަތު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރަންޖެހޭ. މި އަމާނާތް އަޅުގަނޑުމެންގެ ހިތުން ކެހިގެން ގޮސްގެން ނުވާނެ "ސީޕީ އަރީފް
ފުލުހުންގެ ވަޒީފާއަކީ ފަސޭހަ ވަޒީފާއެއްނޫން ކަމަށާއި ޑިއުޓީއަށްނުކުމެ މައްސަލަތަކާ ކުރިމަތިލާއިރު މުޖުތަމައުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ހަގީގީ ފުލުހެއްގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް އެ ގޮންޖެހުންތަކާ ކުރިމަތިލައި ޕްރޮފެޝަނަލް ފުލުހެއްގެ ސިފަ ދައްކަންޖެހޭ ކަމަށް އަރީފް ވިދާޅުވި އެވެ.
"އޭރުން އާންމު ރައްޔިތުންގެ ހިތްތައް ވެސް ތާރީފުގައި އަޅުގަނޑުމެންނާ(ފުލުހުންނާ) ދިމާއަށް ލެނބޭނެ. ފަހަރެއްގައި ވެސް އަޅުގަނޑު މި ދެންނެވީ ކުށްކުރާ މީހުންނާ މެދު ވަކި ގޮތަކަށް ލުއިކޮށް ކަންކަން ދޫކޮށްލާށެކޭ ނޫން. މައިގަނޑު ނުކުތާއަކީ ގަވާއިދުގެ ތެރޭން އަޅުގަނޑުމެންގެ (ފުލުހުންގެ) ވާޖިބު އަދާ ކުރަމާ ހިންގަވާށޭ" ސީޕީ އަރީފް ވިދާޅުވި އެވެ.
ފުލުހުން ބުނީ އިއްޔެ އޮތް އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ބައެއް އިސް އޮފިސަރުން ބައިވެރިވި ކަމަށެވެ. އެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ މީޑިއާތަކަށް ދައުވަތު ނުދީ އެވެ.