14 May 2016, 09:16
ވެނަޒުއޭލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ދިރިއުޅުމާއި ވެރިކަމުގެ ދުވަސްވަރުގެ މައްޗަށް ސޮނީ ޕިކްޗާސް ޓެލެވިޒަންގެ ލެޓިން އެމެރިކާ ޔުނިޓުން ސީރީޒް އެއް ހަދަން ނިންމައިފި އެވެ.
ސޮނީ ޕިކްޗާސްގެ ސީނީއާ ނައިބް ރައީސް އަދި ޕްރޮޑިއުސަރު އެންހެލިކަ ގުއޭރާ ވިދާޅުވީ، އެއް ގަޑިއިރުގެ 60 އެޕިސޯޑުގެ މައްޗަށް ހަދާ އެ ސީރީޒް އަކީ މިހާތަނަށް ސޮނީގެ ލެޓިން އެމެރިކާ ޔުނިޓުން ހުރިހާ ގޮތަކުން ބެލި ނަމަވެސް އުފައްދާ އެންމެ ތަފާތު ފިލްމު ކަމަށެވެ.
ސްޕެއިން ބަހުން، "އެލް ކޮމަންޑެންޓޭ" ("El Comandante") ގެ ނަން ދީފައިވާ އެ ސީރީޒް އަކީ ޗާވޭޒްގެ ދިރިއުޅުމުގައި ފާހަގަކޮށްލެވޭ 30 ކަމެއްގެ މައްޗަށް އަލިއަޅުވާލައި އުފައްދާ ސީރީޒް އެކެވެ. ސީރީޒް އަށް ކަނޑައަޅާފައިވާ ބަޖެޓާއި ފިލްމުގައި ހަރަކާތްތެރިވާން 600 އަށްވުރެ ގިނަ ކާސްޓް މެމްބަރުންނާއި މަންޒަރުތައް ނަގާ ތަންވެސް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗާވޭޒްގެ އާދައިގެ ދިރިއުޅުމުން ފެށިގެން ވެރިކަމަށް އައުމަށްކުރި މަސައްކަތާއި ވެރިކަމުގެ ދުވަސްވަރުގެ ފާހަގަކޮށްލެވޭ ކަންތައްތައް ހިމަނައިގެން ހަދާ އެ ފިލްމުގައި ހިޔާލީ މަންޒަރުތަކާއި ފާހަގަކޮށްލެވޭ ހަފްލާތަކުން ނަގާފައިވާ ޑޮކިއުމަންޓްރީ ފުޓޭޖްތަކެއް ހިމެނިގެންދާނެ ކަމަށް ސޮނީ އިން ބުނެ އެވެ.

ހޫގޯ ޗާވޭޒްގެ ދިރިއުޅުމަށްހަދާ ސީރީޒްގައި ޗާވޭޒް ފެނިގެންދާނެ ގޮތް ---
ސީރީޒް ގައި ޗާވޭޒްގެ ރޯލު އަދާކުރާނީ ކޮލަންބިއާގެ ޑްރަގް ލީޑަރު، ޕަބްލޯ އެސްކޮބާގެ މައްޗަށް 2012 ވަނަ އަހަރު އުފައްދައި ނެރުނު ސީރީޒް، "ޕަބްލޯ އެސްކޮބާ، އެލް ޕެޓްރޯން ޑެލް މަލް،" ގައި ޕަބްލޯގެ ރޯލު އަދާކޮށްފައިވާ އެކްޓަރު، އެންޑްރެސް ޕަރާ އެވެ.
ސޮނީ އިން ބުނީ، ސީރީޒް ގެ ޝޫޓިން އަންނަ މަހުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ. އަދި ސީރީޒް ދައްކަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އެ ކުންފުނިން ބުނެއެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނަޒުއޭލާގެ ވެރިކަމާ 1999 ވަނަ އަހަރު ހަވާލުވެ، 14 އަހަރު ވަންދެން އެގައުމުގައި ވެރިކަން ކުރެއްވި ޗާވޭޒް، އަވަހާރަވަންދެން ހުންނެވީ އެގައުމުގެ ވެރިކަމުގައެވެ. ދުނިޔޭގައި ނަން ހިނގާ މަޝްހޫރު ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޗާވޭޒް ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައި ދެ އަހަރު އުޅުއްވުމަށްފަހު އަވަހާރަވީ 2013 ވަނަ އަހަރު މާޗްމަހުގެ ފަސް ވަނަ ދުވަހު އެވެ.
މައުލޫމާތު: ވެރައިޓީ