އެމްޑީޕީގެ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އިންތިހާބު އެހެން ޕާޓީތަކަށް ނަމޫނާ ޑިމޮކްރެޓިކް އިންތިހާބަކަށް ހަދާނެ ކަމަށް އެޕާޓީން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. މަގާމުތަކަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވައިލީއްސުރެ، ފޯރި ގަދަ ކެމްޕޭނުތަކުން މަގުތައް "ރީނދޫ" ކޮށްލުމަށްފަހު އެމްޑީޕީ އިންތިހާބުގެ ވޯޓުލުން ނިންމާލީ ވެސް މާބޮޑެތި މައްސަލަތަކެއް ނުޖެހި އެވެ. ނަމަވެސް، ހަފުތާއެއްވީއިރު ވެސް އިންތިހާބުގެ ނަތީޖާ ނުނެރެވުނު މައްސަލަ ބޮޑުވެ، މެމްބަރުންގެ ހިތުގައި ނުތަނަވަސްކަން އުފެދި އެމްޑީޕީ އިންތިހާބާމެދު މިއަދު ގިނަ މެމްބަރުންނެއްގެ ޝަކުވާތައް ދަނީ ބޮޑުވަމުންނެވެ.

"ގަވައިދުގައި ވަކިގޮތަކަށް ކަނޑައެޅިފައި އޮވެއްޖެއްޔާ އެގޮތަކަށް އަމަލުކުރަން ޖެހޭނީ ޑިމޮކްރެޓިކްކޮށް ގެންދަންޏާމުން. އިންތިހާބުގެ ގަވައިދުގައި އެބަ ބުނޭ ތިން ދުވަސް ތެރޭ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހޭނޭ. އެހެންވެ، ނެރެންޖެހޭނެ. އެއްވެސް އުޒުރެއް ނޯންނާނެ ނުނެރޭކަށް،" އެމްޑީޕީގެ އިންތިހާބުގައި ވާދަކުރި ފަރާތަކުން ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"އެމްޑީޕީ އިންތިހާބު 2011ގެ ގަވާއިދު" ގައި ދާއިމީ ނަތީޖާ ތިން ދުވަހުގެ ތެރޭގައި ނެރެން ޖެހޭނެ ކަމަށް ބުނެފައިވާ ނަމަވެސް، އަދި މިހާތަނަށް އެ ނަތީޖާގެ ހަބަރެއް ނުވެ އެވެ. ނުވީތާކަށް، ވަގުތީ ނަތީޖާ އެނގިފައިވަނީ ވެސް އިންތިހާބު ނިމުނުތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު، އެޕާޓީގެ އެތެރޭގެ އިސް މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް އޭޕްރިލް 30 ގައި ބޭއްވި އެ އިންތިހާބުގެ ވަގުތީ ނަތީޖާ ކަލާފާނު ސްކޫލްގައި ރޭގަނޑު 9:00 އިން ފެށިގެން އިއުލާންކުރަން ހަމަޖެހިފައި އޮތެވެ. އަދި އެރޭ 10:30 ގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމީ ނަތީޖާ އިއުލާންކުރާނެ ކަމަށް ވެސް ޕާޓީން ބުންޏެވެ. ނަމަވެސް، އެކަން އެގޮތަކަށް ނުހިނގި އެވެ. ޖަލްސާ ކެންސަލްކޮށް، ނަތީޖާ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށް ބުނީ އެވެ.

އެކަމަކު މިދިޔަ ހޯމަ ދުވަހާ ޖެހެންދެން ވެސް ޕާޓީ ވެބްސައިޓުން ލިބުނީ ހަމައެކަނި ޕާޓީގެ ރައީސާއި ނައިބު ރައީސްގެ ނަތީޖާ އެވެ. އެހެން މަގާމުތަކުގެ ވޯޓުގެ ނަތީޖާ އޮތީ "ބަހަބަރު"ވެފަ އެވެ.

މިި ސަބަބުތަކާހުރެ އިންތިހާބުގެ ނަތީޖާގެ ސައްހަކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިކޮށްފަ އެވެ. އަދި އިންތިހާބުގައި ކަންތައް ހިނގައިފައިވަނީ "ޑިމޮކްރެޓިކްކޮށް ކަން ހިނގަންޖެހޭނެ ގޮތަކަށެއް ނޫން" ކަމަށް ވެސް ގިނަ ކެންޑިޑޭޓުންނާއި މެމްބަރުން ވެސް ފާހަގަކުރެ އެވެ.

އިންތިހާބުގެ ހުރިހާ ކަމެއް ބެލެހެއްޓި ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ގަސަމް ވިދާޅުވީ، ނަތީޖާ ލަސްވުމުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށް ވެސް ގަބޫލުކުރައްވާ ނަމަވެސް، ނަތީޖާ ނެރުން ގަސްތުމައި ލަސްކުރީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި މިއީ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އިންތިހާބު. އަޅުގަނޑުމެން އިންތިހާބުގައި އޮފިޝަލުންނަށް ތިބީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންކޮޅެއް. އެކުދިންގެ ވަރަށް ބޮޑު ޓެސްޓަކާ މިދުވަސްކޮޅު ދިމާވީ. އެކަން ގަބޫލުރަންޖެހޭ. އަނެއްކާ ރަށްރަށުން ޝީޓުވެސް ލިބުން ލަސްވި. އަޅުގަނޑުމެން ނަށް ނަތީޖާ ނެރެވޭނީ އެ ޝީޓުތައް ވެސް ޗެކުކޮށްފައިދެއްތޯ؟" ގަސަމް ވިދާޅުވި އެވެ.

ތެދެކެވެ. މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިހާބެވެ. އެހެންކަމުން މި ބޮޑު އިންތިހާބަކަށް ބޮޑުކޮށް ތައްޔާރުވާން ޖެހެ އެވެ. ނަމަވެސް، ނަތީޖާ އަވަހަށް ނުނެރެވުނު މައްސަލަ އަކީ އިންތިހާބަށް ރަނގަޅަށް ތައްޔާރު ނުވެވުމުގެ ހެއްކެތް ކަމަށް ދެކޭ ބަޔަކު ވެސް އެބަތިއްބެވެ.

ޕާޓީގެ އިސް މެމްބަރަކު ވިދާޅުވި އެވެ؛ "އިންތިހާބު ތައްޔާރީތައް އިދާރީ ގޮތުން އެންމެ ފުރިހަމައަކަށް ނޫން ހަމަޖެހިފަ އޮތީ. އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. މިއަށްވުރެ ބޮޑަށް ތައްޔާރުވާން ޖެހޭނެ އަސްލު. ނަތީޖާ ނެރުން ލަސްވުމުން ޝައްކު އުފެދުމުގެ ޖާގަ މީހުންނަށް ލިބިގެން ހިނގައްޖެ،"

އޭނާ ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ އިންތިހާބުތައް ރޭވުމުގައި އެޕާޓީގެ މެމްބަރު، އަދި ކުރިން އިލެކްޝަންސް ކޮމިޝަނުގެ ގޮނޑިއެއް ފުރުއްވައިފައިވާ އަހުމަދު ޝާހިދު )ސާބެ( ވަރަށް ބޮޑު ދައުރެއް އަދާކުރައްވާ ކަމަށެވެ. ނަމަވެސް، ސާބެގެ އަނބިކަނބަލުން އީވާ އަބްދުﷲ އިންތިހާބުގައި ވާދަކުރައްވާތީ، އިންތިހާބު ރޭވުމުގައި ސާބެ އަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރުމުން، ނިމިގެންދިޔަ އިންތިހާބުގައި ސާބެގެ އެއްވެސް ބައިވެރިވުމެއް ނުލިބޭ ކަމަށާއި އެއީ އިންތިހާބަށް ލިބުނު ހީނަރުކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"މަދު ބަޔަކު ޝަކުވާ ކުރީމަ ސާބެ ބޭނުންނުކުރީ މި އިންތިހާބު ކަންކަމުގައި. އެއީ ދެރަ ނިންމުމެއް. ސާބެ އަކީ ވަރަށް ސްޓްރެޓެޖިކްކޮށް އިންތިހާބު ކަންތައް ގެންދެވުމުގެ ތަޖުރިބާ ހުރި ބޭފުޅެއް." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވި މައްސަލައާ މެދު ވެސް މިއަދު ދަނީ ބަހުސްކުރެވެމުން ނެވެ. އެގޮތުން 46،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ވެރިކަންކުރާ ޕާޓީގެ ދެބައިކުޅަ އެއްބައި މީހުން ވޯޓުލާން ނުކުމެފައިނުވަނީ ޕާޓީތެރޭ ސަރުކާރަށް އޮތް ތާއީދު ކުޑަވުމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، ގިނަ ބަޔަކު ވޯޓުލާފައި ނުވަނީ އިންތިހާބުގެ މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިފައިނުވާތީ ކަމަށް ވެސް ބެލެވެ އެވެ. އަދި "މީހުން މަދުން ވޯޓުލީއިރު ނަތީޖާ ލަސްވި ސަބަބެއް ނުވިސްނޭ" ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ، ހަރަދުކުޑަކުރުމަށް ޕާޓީގެ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭން ނިންމީ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ވެބްސައިޓަށް އެކްސެސް ނޯންނަ ފަރާތްތަކަށް ވޯޓުގައި ބައިވެރިނުވެވުމަކީ އެކަށީގެންވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މައްސަލަ އެކަންޏެއް ނޫނެވެ. ވޯޓުގެ ކުޑަ ތަފާތަކުން ބަލިވި ކެންޑިޑޭޓުން ކުރާ ޝަކުވާއެއްވެސް އެބައޮތެވެ. އެއީ އެމީހުންނަށް ތާއީދުކުރި ބައެއް މީހުންނަށް ރަޖިސްޓްރީގައި އެކި މައްސަލަތައް ދިމާވެގެން ފަހު ވަގުތު ވޯޓު ނުލައި، ގެއަށް ދާން ޖެހުނު މައްސަލަ އެވެ. މެމްބަރުންގެ ލިސްޓް އަޕްޑޭޓް ނުވާ މައްސަލަވެސްމެ އެވެ.

މީގެ އިތުރުން އެފަދަ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޓީގެ މަސައްކަތް ދޯދިޔާވުމުގެ މައްސަލަ ވެސް އެބައޮތެވެ. އިންތިހާބުގެ ކުރިން އެ ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވާ މައްސަލައަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި ވޯޓު ގުނުމުގައި ދިމާވި ތަފާތު މައްސަލަތަކުގައިވެސް އޮފިޝަލުންނާ ކެންޑިޑޭޓުންނާއި ދެމެދު ދެބަސްވެ، ޒުވާބުކުރާ ހިސާބަކަށް ކަންތައް ދިޔައިރުވެސް އެ ކޮމިޓީ ހަނު އޮތުމުން މެމްބަރުންގެ ފާޑުކިޔުން ބޮޑުވި އެވެ.

މި ޝަކުވާތަކާ ގުޅިގެން އެމްޑީޕީ އިންތިހާބުގެ ޑިމޮކްރެޓިކްކަމާއި މިނިވަންކަމާމެދު ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެވެ އެވެ. ޕާޓީގެ ނަމުން އެކަނި ޑިމޮކްރެޓިކް ނުވެ، ބަހާއި އަމަލުން ވެސް ޑިމޮކްރެސީގެ އުސޫލުތައް ގެންގުޅޭ ކަމަށް ބުނާ އެމްޑީޕީން ޕާޓީގެ އަގު ހިފެހެއްޓުމަށް މި ޝަކުވާތަކަށް ޖަވާބުދޭން ޖެހޭނެ އެވެ. މިއީ ހަމައެކަނި ނަތީޖާ ހަޖަމް ނުކުރެވިގެން ދައްކާ ވާހަކަތަކެއް ކަމަށް ދެކި، ހަގީގީ މައްސަލައަށް އަޅައިނުލައިފިނަމަ، މެމްބަރުންގެ ހިތްހަމަނުޖެހި، ޕާޓީއާ ފޭއަށް ޖެހުން އިތުރުވާނެ އެވެ