13 May 2016, 18:31
ސޯސަންމަގުގައި މީހެއްގެ ގަޔަށް ވަޅިހަރަން އުޅުނު ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ ހާދިސާ ހިނގި ސަރަހައްދަށް ސަންގެ ނޫސްވެރިން މިއަދު ހަވީރު ދިޔައިރު އެމީހާ ވަނީ އިސްލާމިކް ޔުނިވާސިޓީ ކައިރީ ހުންނަ ލަކީހިޔާ ހޮޓަލަށް ވަދެ ފިލާފައެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުންގެ ޓީމެއް ގޮސް ލަކީހިޔާ ހޮޓަލްގެ ތެރެއަށް ވަދެއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި މާރާމާރީ ހިންގަން އުޅުނު މީހަކު މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ޒުވާނާ ހައްޔަރުކުރީ މިއަދު ހަވީރު 5:40 ހާއިރު އެވެ.

މީހެއްގެ ގަޔަށް ވަޅިހަރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ: ޝާމިން
އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ވަޅިހަރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާއިރު ރޭ މާލޭގައި ދެ މާރާމާރީއެއް ވަނީ ހިންގާފައެވެ. އޭގެތެރެއިން އެއް މާރާމާރީގައި ތޫނުއެއްޗަކުން ވަނީ ދެ މީހަކަށް ހަމަލާދީފައެވެ.
ވަޅިހެރުމުން ޒަޚަމްވި ދެ މީހުންގެ ތެރެއިން އެކަކު ފަރުވާދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.