އޭޓީއެމް މެދުވެރިކޮށް ފައިސާ ރީޗާޖު ކުރެވޭ އަދަދު ލިމިޓް ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ދިރާގާއި އުރީދޫ އަށް އަންގަވައިފި އެވެ.

ހޯމް މިނިސްޓަރުގެ ނައިބު އަހުމަދު ސަލީމް މިއަދު ސަން އަށް ވިދާޅުވީ ހޯމް މިނިސްޓަރު އެގޮތަށް އެންގެވީ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން އެމީހުންގެ ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ނަހަމަގޮތުގައި ރިޗާޖު ކުރުން އިތުރުވެފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް 100،000 ރުފިޔާ ވެސް ރީޗާޖު ކުރެވޭ ކަމަށެވެ. ނަހަމަގޮތުގައި އެފަދަ ބޮޑެތި އަދަދުތަކުން ކަސްޓަމަރުން ލައްވައި ފައިސާ ރީޗާޖު ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަންގަވާފައި ވަނީ ދުވާލަކު އޭޓީއެމުން ރީޖާޗު ކުރެވޭ އަދަދަކީ 500 ރުފިޔާ ކަމުގައި ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާއިރު، މީހުން ދިރިއުޅޭ ތަންތަނާ ވަރަށް ކައިރީގައި ރީޗާޖުކޮށްދޭ ތަންތަން އެބަހުރި ކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ނުހައްގުން އެމީހުންގެ އެކައުންޓުން ބޮޑެތި އަދަދުން ފައިސާ ރީޗާޖު ކުރަމުން އަންނައިރު، އެކަން ހުއްޓުވުމަށްޓަކައި އެފަދަ ފިޔަވަޅުތައް އެޅުމުން ރައްޔިތުންނަށްވާނެ އެއްވެސް ދައްޗެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޯމް މިނިސްޓްރީގައި ވަރަށް ބޮޑަށް މިކަމާ މެދު މަޝްވަރާކޮށްފަ ނިންމި ނިންމުމެއް މިއީ. މިއީ މިފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން އެޅި ފިޔަވަޅެއް،" ސަލީމް ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކަންތައް އޮންނަގޮތަށް ބަލާއިރު، ކަސްޓަމަރުންނަށް އޮޅުވާލައިގެން އެކައުންޓުން ފައިސާ ނަގައިފިނަމަ ބޭންކުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށާއި ނަމަވެސް ރާއްޖޭގެ ބޭންކިން ސިސްޓަމް އޮންނަގޮތުން އެކަން އެގޮތަށް ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ނަހަމަގޮތުގައި ވަރަށް ގިނަ ފައިސާއެއް އެތައް ބައެއްގެ އަތުން އަތުލައިފި. ހަގީގަތަކީ ވިކްޓިމަށް އެ ފައިސާ ލިބެން އެބަޖެހޭ. އެކަމަކު މިތާނގެ ބޭންކު ސިސްޓަމް އޮންނަގޮތުން އެހެން ނޫން އެކަން އޮންނަނީ. އެހެން ގައުމުތަކުގައި އޮންނަނީ ކަސްޓަމަރަކަށް އޮޅުވާލައިގެން ފައިސާ ނަގައިފިއްޔާ ބޭންކު އޭގެ ޒިންމާ ނަގަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.

އެކި މީހުންގެ ފޯނުތަކަށް ގުޅައިގެން އޮޅުވާލައިގެން އެމީހުންގެ ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ފޯނުތަކަށް ރީޖާޗު ކުރަމުން އަންނައިރު، އެކި ޕްރޮމޯޝަންތަކުގެ ނަމުގައި އެކި މީހުންގެ ފޯނުތަކަށް ގުޅައިގެން ރީޗާޖު ކުރުމުގެ މައްސަލަތައް ވެސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެއްވެސް ރައްޔިތެއްގެ އަތުން ފައިސާ ހޯދުމަށް އެއްވެސް ކުންފުންޏަކުން ނުވަތަ އެއްވެސް އިދާރާއަކުން ނުގުޅާނެ ކަމަށާއި އެފަދަ ފޯން ކޯލުތަކަށް އިޖާބާ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.