އަންނަ ސީޒަން ފެށުމާއެކު ފުޓްބޯޅައިގެ ތެރެއަށް އަލުން ވަންނާނެ ކަމަށް ކުރީގެ ޗެލްސީ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ފުޓްބޯޅައިގެ ތެރެއަށް އަލުން ވަންނާނެ ކަމަށް މޮރީނިއޯ ބުނި ނަމަވެސް، އަންނަ ސީޒަނުގައި އޭނާ ފެންނާނެ ކްލަބެއް މޮރީނިއޯ ހާމަކޮށްފައެއް ނުވެ އެވެ.

ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފައިވަނީ މި ސީޒަނުގެ ކުރީކޮޅު އެ ކްލަބުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައި ނުވުމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މޮރީނިއޯ ގުޅުން އެންމެ ގާތީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ އެވެ.

"އަންނަ ޖުލައި މަހުގެ ތެރޭގައި އަހަރެން އަލުން ފުޓްބޯޅައިގެ ތެރެއަށް ވަންނާނަން. މިއީ މެއި މަސް. ޖުލައި މަސް ދުރަކު ނެތް. އަހަރެން މި ވަގުތު މި ދަނީ އާއިލާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން. އަހަރެންނަށް ފުޓްބޯޅައިގެ ތެރެއަށް ނުވަދެ ހުންނަން ވަރަށް އުނދަގޫވޭ،"އޭޕީއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ، ކްލަބެއްގެ ކޯޗުކަމުގެ މަގާމު ސީޒަން ފެށެން ގާތްވެފައި އޮއްވާ ހަވާލުކޮށްފި ނަމަ، އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"އެގޮތަށް ދިމާވެއްޖެއްޔާ އަހަރެންނަށް ކްލަބު ތައްޔާރު ކުރުމަށް އުނދަގުލާ ކުރިމަތިވާނެ. ކްލަބުތަކުގެ ހުރިހާ ކަމެއްގައި އުޅޭނީ ކޮމާޝަލް އަދި މާކެޓިން ޑިޕާޓްމަންޓުން. މެއި ނުވަތަ ޖޫން މަހު ކޯޗުކަމަށް ހަމަޖައްސައިފިއްޔާ، ބައެއް ކަންތައްތައް ހަމަޖައްސަން އުނދަގުލާ ކުރިމަތިވާނެ. ކުޅުންތެރިން ހޯދަން ވެސް އުނދަގޫވާނެ،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަދި ބެންފީކާއަށް ވެސް ކުރިން މޮރީނިއޯ އިރުޝާދުދީފައިވެ އެވެ.