ބައެއް ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އިންޓެލިޖެނސް މައުލޫމާތު ފަނޑިޔާރުންނާ ހިއްސާކުރަން ދަތިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހުމަދު ސައުދީ އަދި އެސިސްޓެޓް ކޮމިޝަނުރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ބައިވެރިވެ ވަޑައިގެންނެވި ސެޝަނުގައި ފަނޑިޔާރުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަވާޒު ވިދާޅުވީ އިންޓެލިޖެންސް ބައެއް މައުލޫމާތުތައް ހިއްސާކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ މައުލޫމާތުތައް ހުންނަ ކަމަށެވެ.

ނަމަވެސް އެއީ މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓެއްގެ އެއްވެސް ބޭފުޅަކަށް އެކަން ހިއްސާ ނުކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ނަވާޒު ވިދާޅުވި އެވެ.

"އެއީކީ އެއްވެސް ހާލެއްގައި އެއްވެސް މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓެއްގެ އެއްވެސް ބޭފުޅަކަށް އެކަން ހިއްސާނުކުރުމުގެ ނިޔަތުގައި ކުރާކަމެއް ނޫން. އަޅުގަނޑުމެން ޒަމާނުއްސުރެވެސް މަސައްކަތްކުރަމުން މިދަނީ ދެފަރާތުގައިވެސް ވަރަށް ބޮޑު ޔަގީންކަމަކާ ކަންތަކެއް އޮވެގެން. އެހެންވީމަ އަޅުގަނޑުމެންތެރޭގައި މިކަހަލަ ރިޕޯޓުތައް ހުށަހަޅާއިރު ބައެއް ފަހަރު އެކަހަލަ މައުލޫމާތުތައް ދިނުމުގައި ހަމަ މަޑުޖައްސާލަންޖެހޭ ކަންތައްތައް އާދޭ. ނަމަވެސް ކުރިއައް އޮތްތަނުގައިވެސް ދެވެން ހުރި ހުރިހާ މައުލޫމާތެއް ދީގެން ކުރިއަށް ގެންދާނީ،" ނަވާޒު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ފަނޑިޔާރުންގެ މަހާސިންތާގައި ވާހަކަފުޅުދައްކަވަނީ -- ސަންފޮޓޯ: ޔޫސުފް ސޮފްއާން

ފަނޑިޔާރުންގެ މަހާސިންތާގައި ބައެއް މެޖިސްޓްރޭޓުން ކަންބޮޑުވުން ފާޅުކުރެއްވީ މުއްދަތު ޖެހުމަށް އެދި ހުށަހަޅާއިރު އިންޓެލިޖެންސް މައުލޫމާތެއް ކަމަށްބުނެ އެ މައުލޫމާތުގެ އެއްވެސް މިންވަރެއް ބައެއް ހާލަތްތަކުގައި ފުލުހުން ހިއްސާނުކުރައްވާ ކަމަށް ބުނެ އެވެ. އަދި ހިއްސާކުރެވެން އޮތް މިންވަރަކުން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެންފަ އެވެ.

ސީޕީ އަހުމަދު އަރީފު ވިދާޅުވީ މީހުން ކޯޓަށް ގެންދިއުމާއި ކޯޓަށް ހާޒިރުކުރުމުގައި ފުލުހުންނަށް ދިމާވާ ބައެއް ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ބަޖެޓުގެ ދަތިކަން ހުރިކަން ސީޕީ ފާހަގަކުރެއްވި އެވެ. ނަމަވެސް އެހުރިހާ ވާހަކައެއް ފަނޑިޔާރުންގެ ފޯރަމް ކަހަލަ މާހައުލެއްގައި ނުދެއްކޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ދެކޯޓަކުން އެކަކު އެއްގަޑިއެއްގައި ހަޒިރުކުރަންވެސް އެބަހުރި އަންގާފައި. މިކަހަލަ ކަންކަން ކޯޑިނޭޝަންގެ މައްސަލަތަކެއްވެސް އެބަހުރި. މީހުން ހާޒިރުކުރުމުގެ ކަންތައްތަކުގައި ފުލުހުންވެސް އެބަގެނޭ ފަސް ހަފަަހަރަށްވެސް ހެކިބަހަށް މާލެ އެބަގެނޭ އެކި ސަރަހައްދުތަކުން،" ސީޕީ އަރީފް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން -- ސަންފޮޓޯ : ޔޫސުފް ސޮފްއާން ރަޝީދު

މަހާސިންތާގައި ވާހަކަފުޅުފުޅުދައްކަވަމުން ޑިސީޕީ އަހުމަދު ސައުދީ ވިދާޅުވީ ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ހެޔޮ ނަތީޖާ ކުރިއަސް އޮތްތަނުގައި ފެންނާނެ ކަމަށެވެ. ފުލުހުން ކުރާ މަސައްކަތުގައި ނަތީޖާ ނެރުމަށްޓަކައި މެޖިސްޓްރޭޓުންނަކީ "ފުލުހުންނާ ލާ މެހިފަތިބޭ ބައެއް" ކަމަށް ސައުދީ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާމެ ވަރަށްބޮޑު ބަދަލެއް މިދަނީ އަޅުގަނޑުމެންގެ ތެރޭގައި ތަހުގީގު މަރުހަލާއާއި މެޖިސްޓްރޭޓުންގެ މަސައްކަތާއި މުހުރިހާ އެއްޗަކަށް އަންނަމުން. ދާއިރު ހަމަ ދެފަރާތުގައި ވާހަކަދެއްކިގެން އެލައިން ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި،" ސައުދީ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި ފުލުހުންގެ އިތުރުން އޭޖީ އަދި ޕީޖީއާވެސް ބައްދަލު ކުރައްވައި ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.