އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ޗެމްޕިއަން ލެސްޓާ ސިޓީގެ ފަސް ކުޅުންތެރިޔަކު ނޮމިނޭޓް ވެއްޖެ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމޮނޭޓުވި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލެސްޓާގެ ފޯވަޑް ޖެމީ ވާޑީ އާއި ރިޔާދް މަހްރޭޒް އާއި، ކެޕްޓަން ވެސް މޯގަން އާއި މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަދި ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް އެވެ.

ލެސްޓާއިން ވަނީ އިނގިރޭސި ބޮޑެތި ގިނަ ކްލަބުތަކެއް ފަހަތަށް ޖައްސާލުމަށްފަހު، އެ ކްލަބުގެ 132 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. ސީޒަން ފެށުނުއިރު، ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ލެސްޓާ އޮތީ ރެލިގޭޓް ވާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ލިސްޓުގައެވެ.

ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުގައި މި ވަގުތު އޮތް ޓޮޓެންހަމްގެ ހެރީ ކޭން އާއި އެ ޓީމުގެ ޑެލޭ އަލީ އަދި ޓޮބީ އަލްޑަވެރެލްޑް ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓުވި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ. އާސެނަލްގެ މެސުޓް އޮޒިލް އާއި ވެސްޓް ހާމްގެ ޑިމިޓްރީ ޕަޔެޓް ވެސް ވަނީ އެވޯޑަށް ނޮމިނޭޓުވެފަ އެވެ.