13 May 2016, 16:47
ބަޣްދާދު (މޭ 13) : އިރާގުގައި އައިއެސް ޖަމާއަތް ބަލިކަށިވެ އެޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހަނގުރާމައިގެ މައިދާނުން ފިލަމުންގެންދާތީ އައިއެސްގެ ކޮމާންޑަރުން އެޖަމާއަތުގެ 35 ހަނގުރާމަވެރިއަކަށް މަރުގެ އަދަބުދީފިއެވެ.
އިރާގުގެ ހުޅަނގުގެ ގިޔާރާ ވިލެޖްގެ ބައެއް އާންމުންނާ ހަވާލާދީ އިރާގުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މިދިޔަ ހަފްތާގައި އައިއެސްގެ ކޮމާންޑަރުންތަކެއްވަނީ ހަނގުރާމައިގެ މައިދާނުންފިލިގެން އުޅޭ އެޖަމާއަތުގެ 35 ހަނގުރާމަވެރިއަކަށް މަރުގެ އަދަބު ދީފައެވެ. މަރުގެ އަދަބު ދިންކަމަށްވަނީ އެމީހުން ދިރިތިއްބައި ހަށިގަނޑުގެ ބޮޑުބައެއް ވަޅުލުމަށްފަހު އެމީހުންގެ ބޮލަށް ބަޑިޖަހައިގެންނެވެ.
މިއޮޕަރޭޝަން އައިއެސްއިން ހިންގިކަމަށްވަނީ ގިޔާރާ ވިލެޖްގެ އާންމުންނަށްވެސް ދައްކައިގެންނެވެ. އެއީ އެމީހުންގެ ހިތްތަކުގައާއި އައިއެސްގެ ހަނގުރާމަވެރިންގެ ހިތްތަކުގައި ބިރުވެރިވެރިކަން އުފެއްދުމުގެ ބޭނުމުގައެވެ. ގިޔާރާ ވިލެޖަކީ އައިއެސްގެ އަތްދަށުގައި އޮތް އިރާގުގެ ހުޅަނގުގެ ނައިނަވާ ޕްރޮވިންސްގެ ވިލެޖެކެވެ. ހަނަގުރާމައިގެ މައިދާނުގައާއި އިރާގު ގެ ލަޝްކަރުތަކުގެ ކުރިމަތީގައި އައިއެސް ބަލިކަށިވެ އެޖަމާއަތުގެ ހަނގުރާމަވެރިން ފިލަން ދުވުނުނަމަވެސް ބަޣްދާދުގައި ދިރިއުޅޭ އައިއެސްގެ ޖާސޫސުންނާއި ސިއްރު ހަނގުރާމަވެރިންގެ އެހީގައި ބަޣްދާދުގެ ތިން ސަރަހައްދެއްގައި ބޮން ގޮއްވުމުގައި އައިއެސްވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އައިއެސްއަކީ ހަނގުރާމައިގެ މައިދާނަށްވުރެ ބާޒާރުތަކާއި މަގުތަކުގައި އިމާރާތްތަކުގައި އާންމުންނަށް އަމާޒުކޮށް އަމިއްލައަށް މަރުވެގެން ބޮއްވުމާއި ޓެރަރިސްޓް ޙަމަލާތައްދީގެން ކުށެއްނެތް މީހުން މެރުމުގައި ވަރަށް ބޮޑު ތަޖްރިބާއާއި ހުނަރެއް ލިބިފައިވާ ޖަމާއަތެކެވެ. ބްރަސަލްސްގެ އެއަރޕޯޓްގައި ބޮންގޮއްވާލުމާއި މިދިޔަ އަހަރުގެ ފަހުކޮޅު ޕެރިހަށް ދިން ބޮމުގެ ޙަމަލާތަކަކީވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގައިގެން އާންމުން މެރުމުގައި އައިއެސް ގެ ރޭވުންތައް ފެނިގެންދިޔަ ޓެރަރިސްޓް ޙަމަލާތަކެކެވެ.
މި ޓެރަރިސްޓް ޙަމަލާތައް ޕެރިހަށާއި ބްރަސަލްސް އަށް އައިއެސް އިން ދީފައިވަނީ ޔޫރަޕްގެ ޖާސޫސީ އިދާރާތަކަށް ވާނުވާ އަންގާލުމަކާ ނުލައެވެ. ބަޣްދާދުގައި މިދިޔަ ބުދަދުވަހު އައިއެސްގެ ބަޔަކު އަމިއްލައަށް މަރުވެގެން ދިން ކާރުބޮމުގެ ޙަމަލާތަކުގައިވެސް އިރާގުގެ އާންމުންގެ 80 މީހުން މަރާލާފައިވެއެވެ. މިބޮމުގެ ޙަމަލާތަކުގައި މަރާލެވުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
އިރާގު ސަރުކާރުން ވަނީ އައިއެސްގެ އަތްދަށުލާފައިއޮތް އިރާގުގެ ގިނަ ސަރަހައްދުތައް ފާއިތުވި ދޮޅު އަހަރު ތެރޭގައި މިނިވަންކޮށްފައެވެ. ކުރިން އިރާގުގެ 40 އިންސައްތަ ބިން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިއޮތް ނަމަވެސް މިހާރު އެޖަމާއަތުގެ އަތްދަށުގައިވަނީ އިރާގުގެ އެނެމް 14 އިންސައްތަ ބިންކަމަށް އިރާގު ސަރުކާރުން ބުނެއެވެ. އައިއެސްއިން އެޖަމާއަތުގެ ހަނގުރާމަވެރިންނަށް މަރުގެ އަދަބުދިނީ އެޖަމާއަތުގެ އެހެން ހަނގުރާމަވެރިންނަށް ބިރުދެއްކުމުގެ ބޭނުމުގައި ކަމަށްވެއެވެ.
އަނެއްކޮޅުން އައިއެސްގެ ބާރު ސޫރިޔާގައިވެސް ދަނީ ކުޑަވަމުންނެވެ. ސޫރިޔާގައި އައިއެސް އިނދަޖައްސާލީ ރަޝިޔާ ގެ ވައިގެ ސިފައިންނެވެ. ފާއިތުވި ހައެއްކަމަސްތެރޭގައި ރަޝިޔާ ސިފައިންދިން ވައިގެ ހަމަލާތަކުގައި ސޫރިޔާގައިވާ އައިއެސްގެ އިންފްރާސްޓްރަކްޗަރ ގެ ބޮޑބައެއް ވަނީ ހަލާކުކޮށްލައި އައިއެސްގެ ހަނގުރާމަވެރިން ވިއްސިވިލާހި ކޮށްލާފައެވެ.
މީގެތެރޭގައި އެޖަމާއަތުގެ އަތްދަށުގައިވާ ތެލުގެ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކާއި ބޭންކްތަކާއި އިދާރީ މަރުކަޒުތަކާއި އެޖަމާއަތުގެ އިސްވެރިންގެ ގެދޮރާއި ފިލައިތިބޭ ބަންކަރުތައްވެސް ހިމެނެއެވެ. ނަމަވެސް ލީބިޔާއާއި އަފްޣާނިސްތާނާ މިސްރުގެ ސައިނާގައާއި އެފްރިކާގެ ބައެއް ގައުމުތަކުގައާއި އައިއެސް ބާރުގަދަ ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އެގައުމުގެ ޒުވާނުންގެ މެދުގައި އައިއެސްގެ ހަރުކަށި ފިކުރު ފެތުރިގެން ދިޔުންކަމަށް ތާލިބާނުންގެ މަސްއޫލުވެރިއަކު ދާދިފަހުންވަނީ ވިދާޅުވެފައެވެ.
ކުރިންވެސް އައިއެސް ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި ފެނިގެންދިޔައީ އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރާ ކޮންމެބަޔަކުވެސް އަނެއްބަޔަކާ ދެކޮޅަށް ބަދަލުހިފުމަށްޓަކައި އައިއެސްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަށްޓަކައެވެ. މިގޮތުން ސިޔާސީ އަދި ހަނގުރާމައިގެ ބޭނުމުގައި އައިއެސްއަށް ސިއްރިޔާތުގައި ހަތިޔާރުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ވާގިވެރިވި ކަމަށް ތުހުމަތު ކުރެވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ތުރުކީއާއި ސޫރިޔާ ސަރުކާރާ އަދި ގަލްފުގެ ބައެއް އަރަބި ގައުމުތައްވެސް ހިމެނޭކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)