"އެ ނިވުނީ ފޯނު، އޭނާ ހީކުރާނީ ރުޅިއައީ ކަމަށް،" މިއީ ފޯނު ނިވޭ ވަގުތު ގިނަ ފަހަރަށް ބުނެވޭ ބަސްތަކެވެ. ވާހަކަދައްކަ ދައްކަ ހުއްޓާ ފޯނު ނިވުމަކީ އެންމެ ހާސްވާ އެއްކަންތަކެވެ.

ފޯނު ނިވުމުގެ މި މައްސަލައަށް ސައިންސްވެރިން މިހާރު ވަނީ ރަނގަޅު ހައްލެއް ހޯދުމާ ވަރަށް ކއިރީގަ އެވެ. އެ މަސައްކަތް ކާމިޔާބު ވުމުން ފޯނު ޗާޖްކުރުމަށް ކުރަން ޖެހޭނެ ކަމަކަށް ވާނީ ފޯނުން ވާހަކަ ދެއްކުމެވެ.

ފޯނުން ވާހަކަދައްކައިގެން ފޯނު ޗާޖް ކުރެވޭގޮތް ހެދުމަށްޓަކައި ސައިންސްވެރިން ކުރި ކަމަކީ ފޯނަށް އިވޭ އަޑު ކަރަންޓަށް ބަދަލުކުރެވޭނެ ގޮތެއް ހޯދުމެވެ.

ބާރަށް ވާހަކަ ދައްކައިގެން ފޯނު ޗާޖްކުރެވޭނެ ކަމަށް ސައިންސްވެރިން ބުނި ނަމަވެސް ބައެއް މީހުން ދެކެނީ މިއީ މީހުންގެ ތެރޭގައި، އާއްމު ތަންތަނުގައި ފޯނުން ވާހަކަދެއްކުމަށް ލަދުގަންނަ މީހުންނަށް ލަނޑެއް ދިނުމަށް ސައިންސްވެރިން ދައްކައިގެން އުޅޭ ވާހަކައެއް ކަމަށެވެ. އެފަދަ މީހުން ދެކޭ ގޮތުގައި އަޑު ކަރަންޓަށް ބަދަލުކޮށް، ބާރަށް ވާހަކަދައްކައިގެން ފޯނެއް ޗާޖެއް ނުވާނެ އެވެ. ނަމަވެސް ސައިންސްވެރިން މިހެން ބުނުމުން ކުރިން އާއްމު ތަންތަނުގައި ފޯނުން ބާރަށް ވާހަކަ ދެއްކުމަކީ ލަދުކަމެއް ކަމަށް ދެކޭ މީހުން އުފަލާއެކު ބާރަށް ވާހަކަދައްކަން ފަށާނެ އެވެ.
މީހުންގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް އަޑު ކަރަންޓަށް ބަދަލުކުރުމުގެ ޓެކްނޮލޮޖީ ތައާރަފްކުރި ސައިންސްވެރިން ބުނަނީ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލަވަޖަހަން ގެންގުޅޭ އައިޕޮޑް ފަދަ ތަކެތި ވެސް ޗާޖްކުރެވޭނެ ކަމަށެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ އައިޕޮޑުން ޖަހަމުންދާ ލަވަ އަމިއްލައަށް ވެސް ކިޔާލުން ކަމަށެވެ.

ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ ސަންކްޔުންކްވާން ޔުނިވަސިޓީގައި މަސައްކަތްކުރައްވާ ޑރ. ސާން ވޫ ކިމް ވިދާޅުވަނީ ސްޕީކަރުތަކުން އިލެކްޓްރިކް ސިގްނަލްތައް އަޑަށް ބަދަލުކުރާ ގޮތަމަށް ހަމަ އޭގެ އިދިކޮޅަށް އަޑު ކަރަންޓަށް ބަދަލުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

ޑރ. ކިމް ވިދާޅުވެފައިވަނީ އަހަރެމެންގެ މާހައުލުގައިވާ ވަރަށް ގިނަ ވަސީލަތްތަކުން ކަރަންޓް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މާހައުލުގައިވާ އަޑުތަކަކީ ކަރަންޓަށް އެކިއެކި ތަކެތިން ކަރަންޓް އުފައްދަން މަސައްކަތް ކުރި މީހުންނަށް އަޅާނުލާ ދޫކޮށްލެވިފައިވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އަޑުން ކަރަންޓް ނެގުމަށްޓަކައި ޑރ. ކިމް އުފެއްދި އާލާތުގައި ބޭނުންކޮށްފައި ވަނީ ޒިންކް އޮކްސައިޑްގެ ހިމަހިމަ ފަށްތަކެކެވެ. އެއީ ކެލަމިން ލޯޝަންގައި އެކުލެވޭ އެންމެ މުހިއްމު އެއް ބާވަތެވެ.
ކޮރެއާގެ ސައިންސްވެރިން ފޯނުން މީހުން ދައްކާ ވާހަކައިން ފޯނު ޗާޖްކުރެވޭނެ ގޮތެއް ވޭތޯ ބަލަމުންދާއިރު އެމެރިކާގެ ސައިންސްވެރިން ދަނީ ހިނގާއިރު ކަކުލަށް ކުރާ ބާރުން ވެސް ކަރަންޓް ނެގޭތޯ އަތްފުނާ އަޅަމުންނެނެވެ -- ޑެއިލީ މެއިލް