29 Apr 2010, 11:57
14:30
އައްޑޫ ލިންކްރޯޑުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ރުކެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސް އެކަކަށް އައިޖީއެމްއެޗްގައި އަދި އަނެކަކަށް އޭޑީކޭގައި ވަނީ ފަރުވާދޭން ފަށައިފަ އެވެ. އޭގެ ތެރެއިން އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ހިތަދޫ، ބުރުތުކާލްގޭ އުމުރުން 20 އަހަރުގެ އަލީ ނަޝާތު މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވީ، އެކްސިޑެންޓުގެ ސަބަބުން އޭނާގެ ބޯފަޅައިގެން ގޮސް ސިކުނޑިއަށް ލިބިފައިވާ ޒަހަމްތަކުގައި ސަބަބުން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.
ނަޝާތުގެ އިތުރުން އެ އެކްސިޑެންޓްގައި އަނިޔާވެފައިވާ އަނެއް ތިން މީހުންނަކީ ކާރު ދުއްވަން އިން ސ. ފޭދޫ، ވޭވު، އުމުރުން 25 އަހަރުގެ މުހައްމަދު ޝިފާއު އާއި، ހިތަދޫ، ހެޕިނަސް، އުމުރުން 24 އަހަރުގެ މުހައްމަދު އަންޖުމް އަދި ހިތަދޫ، ވިދާރަންމުތްގޭ ހަސަން އަފްސީނެވެ. މި ތިން މީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގައިފައި ވަނީ ހިތަދޫން ފޭދޫއަށް ބާރު ސްޕީޑެއްގައި ކާރު ދަނިކޮށް ކުނިކޮށްޓާ ދިމާލުގައި އޮންނަ ބެންޑާ ހަމައިން ކާރު ކޮންޓްރޯލްނުވެގެން ގޮސް، އެ ސަރަހައްދުގައި ހުރި ރުކެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.