13 May 2016, 11:39
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ހުންނަވާ ގޮޅީގައި ހަރުކޮށްފައިވާ ކެމެރާ އަށް އޭނާ ފާޚާނާގައި ހުންނައިރު މޭމަތީގެ އެއްބައި އަރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ކަރެކްޝަނަލް ސާވިސްގެ ލީގަލް ޓީމްގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމުން އެބޭފުޅުން ވިދާޅުވީ ގޮޅީގެ ތެރޭގައި ހުންނަ ފާޚާނާ ހުންނަނީ ވަކިން ބަންދުވާގޮތަށް ނޫން ކަމަށެވެ.
އެހެންކަމުން ގޮޅިތެރޭގައި ހަރުކޮށްފައިވާ ކެމެރާއަށް ފާޚާނާގައި ހުންނައިރު މޭމަތީގެ އެއްބައި އަރާނެ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސްގެ ލީގަލް ޓީމްގެ ބޭފުޅުން ވިދާޅުވީ އިންސާނީ ކަރާމާތައް އުނިކަން ލިބޭފަދަ ގޮތަކަށް އަދި މީހުންގެ ޣައުރަ ފެންނަގޮތަކަށް ގޮޅީގައި ކެމެރާ ހަރުކޮށްފައިނުވާނެ ކަމަށެވެ.
ކެމެރާ ހަރުކޮށްފައި ވަނީ ހަމައެކަނި ފަޔާޒު ހުންނަވާ ގޮޅީގައި އެކަނި ނޫން ކަމަށާއި އެކަމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދެއްގެ ދަށުން ގޮޅިތަކުގައި ކެމެރާ ހަރުކުރުމުގެ މަޝްރޫއެއް ވަނީ ފަށާފައި ކަމަށް ލީގަލް ޓީމްގެ ބޭފުޅުން ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުން އިތުރު މައްސަލަތަކެއް ވެސް ފަޔާޒުގެ ގާނޫނީ ވަކީލު ކޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްގެ ލީގަލް ޓީމްގެ ބޭފުޅުން ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެފަދަ އެއްވެސް ޝަކުވާއެއް ފަޔާޒުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ކަރެކްޝަނަލް ސާވިސްގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ޝަކުވާތައް ހުށަހެޅުމަށް ފަޔާޒަށް އަންގާފައެވެ. އަދި އެއަށްފަހު އެކަންކަން ރަނގަޅު ނުވެއްޖެނަމަ ޝަރީއަތަށް ޝަކުވާ ހުށަހެޅުމުން އެކަން ބަލައި ނެރެންޖެހޭ އަމުރުތައް ނެރޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވި އެވެ.