13 May 2016, 11:19
މާލޭގައި ރޭ ތުނޫއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ދެ މީހުންގެ ތެރެއިން އެކަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ އެ ޒުވާނާ ދޫކޮށްލީ ގަޑިއެއްހާއިރު ފަރުވާ ދިނުމަށްފަހު ކަމަށެވެ.
އޭނާ ވިދާޅުވީ ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ދެވަނަ މީހާ އަށް ހައިޑިޕެންޑެންސީ ޕޭޝަންޓެއްގެ ގޮތުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.
"އެ ޒުވާނާގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހައި ޑިޕެންޑެންސީ ޕޭޝަންޓެއްގެ ގޮތުގައި ފަރުވާދެމުން އަންނަނީ. އޭނަ މިހާރު ސްޓޭބަލް،" އައްފާލް ވިދާޅުވި އެވެ.
އެ ދެ މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ރޭ ދަންވަރު 1:00 އެހައިކަންހާއިރު މަޖީދީމަގު ޖެލީ ރެސްޓޯރަންޓު ކައިރިންނެވެ.
ރޭ މާލޭގައި އިތުރު މާރާމާރީއެއް ވެސް ވަނީ ހިންގާފައެވެ. އެންމެ ފުރަތަމަ ރޭ ހިންގި މާރާމާރީ އަކީ ސައިކަލްގައި ދިޔަ ތިން މީހަކު ވައިޖެހޭ މަގުގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެގެން ހިންގި މާރާމާރީ އެވެ.
އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.