މާލޭގައި މިރޭ އަނެއްކާވެސް މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

މަންޒަރު ދުށް ފަރާތަކުން ސަން އަށް މައުލޫމާތު ދެމުން ބުނީ މިރޭ 1:00 ހާއިރު މަޖީދީމަގު ޖެލީ ރެސްޓޯރެންޓު ކައިރީ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ސަންގެ ނޫސްވެރިން އެސަރަހައްދަށް ދިޔައިރު އެސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވާ މަންޒަރުވަނީ ފެނިފައެވެ.

އެމާރާމާރީ އާއި ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއްނުލިބެއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ޒަހަމްވި ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިރޭ ވަނީ ސައިކަލުގައި އައި ތިން މީހަކު، ވައިޖެހޭ މަގުގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެގެވެސް މާރާމާރީއެއް ހިންގާފައެވެ. އެމާރާމާރީއާއި ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.