13 May 2016, 01:37
އުރީދޫ މޯލްޑިވްސް އިން މިރޭ ތައާރަފްކުރި ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތާއެކު މިހާރު ލިބޭ އިންޓަނެޓަށްވުރެ 10 ގުނަ ހަލުވިކޮށް ހިދުމަތްލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެކުންފުނިން ދިވެހި ރައްޔިތުންނަށްޓަކައި ތައާރަފްކުރާ ހިދުމަތާއެކު، މިހާރު މާކެޓްގައި ލިބޭ އިންޓަނެޓް ސްޕީޑަށްވުރެ 10 ގުނަ ހަލުވި ސްޕީޑްގައި އުރީދޫގެ ކަސްޓަމަރުންނަށް އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"މިއަދު، ސުޕަނެޓް ތައާރަފްކުރާއިރު، އުރީދޫ އިން ވަނީ މައިކްރޯސޮފްޓް، ޖީ2އޭ، އަދި މީޑިއާނެޓް ފަދަ ބްރޭންޑްތަކާ ބައިވެރިވެގެން ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި، ފުރުސަތުތައް ހޯދައިދީފައި،" ވިކްރަމް ވިދާޅުވި އެވެ.
އުރީދޫ އިން ބުނީ އެކުންފުނީގެ ސުޕަނެޓާ އެކު، އެއް ޖީބީޕީއެސް އާއި ހަމައަށް ސްޕީޑް ފޯރުކޮށްދޭ ހާއްސަ އަންލިމިޓެޑް ޕެކޭޖްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އެއް ޖީބީޕީއެސްގެ ޕެކޭޖަކީ، ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރެވޭ، އަދި މިހާތަނަށް ރާއްޖޭގައި ފޯރުކޮށްދެވޭ އެންމެ ސްޕީޑު ރަނގަޅު ޕެކޭޖު ކަމަށް އެކުންފުނިންބުނެއެވެ.
"ސުޕަނެޓްގެ ހިދުމަތް ބޭނުންކުރަށްވާ ކޮންމެ ކަސްޓަމަރަކަށްވެސް، ހާއްސަ އިނާޔަތެއްގެ ގޮތުގައި، ފިކްސްޑް ޓެލެފޯނީގެ ޚިދުމަތް ލިބިގެންދާނެ، އުރީދޫ ފިކްސްޑް ޓެލެފޯނީ އަކީ، އަލަށް ތައާރަފް ކުރެވިފައިވާ 4000000 ސީރީޒްގެ ފިކްސްޑް ލޭންޑްލައިން ކަނެކްޝަނެއް،" އުރީދޫއިން ބުންޏެވެ.
އެހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ލިބިގެންދެ އެވެ. އޭގެ ތެރޭގައި، ޓެކްނޮލޮޖީ ކުންފުނި މައިކްރޮސޮފްޓާ ގުޅިގެން، އެކުންފުނީގެ އޮފީސް 365ގެ ޕްރޮޑަކްޑްތައް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތާއި މަޝްހޫރު އޮންލައިން ވީޑިއޯގޭމް ޑިސްޓްރިބިއުޝަން ސްޓޯ ޖީ2އޭ އިން ހިލޭ އީގިފްޓް ކާޑެއް ލިބިގެންދެއެވެ.
އުރީދޫއިން ބުނީ 10 އަންލިމިޓެޑް ޕެކޭޖާ އެކު ތައާރަފްކުރެވިފައިވާ ޕެކޭޖްތަކާއެކު ސުޕަނެޓް ކަސްޓަމަރުންނަށް 2 އެމްބީޕީއެސް އިން ފެށިގެންގޮސް، 1 ޖީބީޕީއެސް އާއި ހަމައަށް ސްޕީޑްތަށް ލިބޭނެ ކަމަށެވެ.
އެކުންފުނިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް ހަލުވި ސްޕީޑުގައި، ބްރޯޑްބޭންޑް އިންޓަނެޓް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން، ގުޅައި ދިނުމަށް ނެގޭ ހުރިހާ ފީ ތަކާއި، ސެކިއުރިޓީ ޑިޕޮސިޓްތަކާއި، އެޑްވާންސްކޮށް ދައްކަންޖެހޭ މަހު ފީ ތަކާއި، ހިދުމަތް އަލުން ގުޅައި ދިނުމަށް ނަގާ ފީ ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ.