11 May 2011, 08:07
ޤާހިރާ : މިދިޔަ ޖަނަވަރީ 25 ގައި މިސްރަށް އައި ރައްޔިތުންގެ އިންޤިލާބަށްފަހު އެމެރިކާއާއި މިސްރުގެ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ޢަރަބި ލީގުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އަދި މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިމުޤްރާތީ އިންތިޚާބުގައި މިސްރުގެ ރިޔާސަތަށް ވާދަކުރައްވާނެކަން އިޢްލާން ކުރައްވާފައިވާ ޢަމްރު މޫސާ ވިދާޅުވެއްޖެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި މޫސާ ވިދާޅުވީ މިސްރާއި އެމެރިކާގެ ގުޅުންތަކާބެހޭގޮތުން ވޭތުވެދިޔަ ތިރީހަކަށް އަހަރު މިސްރުން ގެންގުޅެފައިވާ ސްޓްރެޓީޖިކް ވިސްނުން، ރައްޔިތުންގެ އިންޤިލާބަށްފަހު ބަދަލުވެގެން ހިނގައްޖެ ކަމަށާއި މިސްރުގައި ކުރިންއޮތް ފަރުދީ ވެރިކަމުގައި އެމެރިކާއާއި މިސްރުގެ ގުޅުންތައް އޮތީ އެމެރިކާގެ ވެރިން މިސްރުގެ ރައީސަށް ފޯންކޮށްލާފައި މިވެނި ކަމެއް ކުރާށޭ އަދި މިވެނިކަމެއް ނުކުރާށޭ ބުނެ "އަންގާއެންގުންތަކެއްގެ" މައްޗަށް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމުގައެވެ.
މިސްރުގެ ރައްޔިތުން ޤައުމަށް ގެނައި ބަދަލާއެކު ރައްޔިތުން ބާރުވެރިވުމުން އެމެރިކާއާއެކު ވެސް އަދި އެހެން ޤައުމުތަކާއެކު ވެސް މިސްރުން ބާއްވާ ގުޅުންތައް ބިނާވެގެންދާނީ މިސްރުގެ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް އެންމެ މަސްލަހަތު ބޮޑުގޮތަކަށް ޢަރަބި ޤައުމިއްޔަތާއި އިސްލާމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މުސާ ވިދާޅުވިއެވެ.
އެމެރިކާގެ ނުފޫޒުގެ ދަށުގައި ހުންނެވި ކަމަށް ސިފަކުރެވިފައިވާ މިސްރުގެ ކުރީގެ ރައިސް މުބާރަކްގެ ފަރުދީ ވެރިކަން ވެއްޓުމަށްފަހު މިސްރުގައި ޤާއިމް ކޮށްފައިވާ ވަގުތީ ސަރުކާރުންވަނީ ފަލަސްތީނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް އިސްރާއީލަށް އިންޒާރު ކޮށްފައެވެ. އަދި މިސްރުން ވަކިކަންތައްތަކެއް ކުރުން ޝަރުތުކޮށްފައި އެމެރިކާދޭ އެހީ ޤަބޫލުކުރަން ބޭނުންނުވާކަންވެސް މިސްރުންވަނީ ހާމަކޮށްފައެވެ. މިއީ ވޭތުވެދިޔަ ތިރީހަކަށް އަހަރު ތެރޭގައި މިސްރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ފެނުނު ކަންތައްތަކެއް ނޫނެވެ.
މޫސާ ވިދާޅުވީ އިސްރާއީލާއި އެމެރިކާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށާއި އީރާނަކީ މިސްރުގެ ވެސް އަދި ޢަރަބިންގެ ވެސް ދުޝްމަނެއްނޫން ކަމުގަ އެވެ.
މިސްރާއި ޢަރަބިންގެ އިތުރުން މުސްލިމުންގެ ވެސް ތާރީޚީ ދުޝްމަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތަކީ އިސްރާއީލެވެ. ޢަރަބި އަދި އިސްލާމީ މަދުޤައުމުތަކެއްގެ ސަރުކާރުތަކުން ބައެއް ސިޔާސީ ސަބަބުތަކާ ގުޅިގެން އިސްރާއީލާއެކު ބައެއް ބާވަތުގެ ގުޅުންތައް ބާއްވަމުން ގެންދިޔަނަަވެސް ޢަރަބި އިސްލާމީ އެއްވެސް ޤައުމެއްގެ ރައްޔިތުނަށް އިސްރާއީލުގެ ޙަޤީޤަތް ނޯޅުމުގެ އިތުރުން އިސްރާއީލާމެދު ދެކޭގޮތަކަށް ވެސް ބަދަލެއް ނާދެ އެވެ.
މަޖްބޫރީ ޙާލަތެއް ކުރިމަތިވެގެން މިސްރުން އިސްރާއީލާއެކު އާދައިގެ ގުޅުންތަކެއް އުފައްދާފައިވާތާ 33 އަހަރު ވެފައިވީއިރު ވެސް މިސްރުގެ ރައްޔިތުން އިސްރާއީލު ބަލައިނުގަންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
މިސްރުގެ ވަގުތީ ސަރުކާރުންވަނީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ އަނިޔާވެރި ފިޔަވަޅުތައް ފޫއަޅުވާލުމަށްޓަކައި މިސްރާއި ގައްޒާގެ ސަރަޙައްދީ ރޮނގު ދާއިމީ ގޮތަކަށް ހުޅުވަން ނިންމާފައެވެ. އަދި މިސްރުގެ ވަގުތީ ސަރުކާރުންވަނީ ފަލަސްތީނުގެ ފަތްޙު ޖަމާއަތާއި ޙަމާސް ޖަމާއަތް ސުލްޙަ ކުރުވުމުގައިވެސް ކާމިޔާބު ހޯދާފައެވެ.
މިސްރުގެ ޚާރިޖީ ސިޔާސަތަށް އައި މިބަދަލުތަކާ ގުޅިގެން އިސްރާއީލާއި އެމެރިކާވަނީ މިސްރުދެކެ ހިތްހަމަ ނުޖެހިފައެވެ. -- ނޫސްއެޖެންސީތައް