މިގައުމުގެ އިގްތިސާދު ހިނގަމުން މިދަނީ މޯލްޑިވްސް ޑިމޮކްރެކްޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުން އަޅައިދިން ބިންގަލުގެ މަތިން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިނދިކޮޅު އެމްޑީޕީން މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕަޓީގެ އިގްތިސާދީ ކޮމެޓީގެ މެމްބަރު ހުސެއިން އަމްރު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީން ގައުމު ހިންގުމާއި ހަވާލުވިއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެނީ ހަތް ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު ތިން އަހަރު ތެރޭގައި އިތުރު ހަތް ބިލިއަން ރުފިޔާ ދައުލަތަށް ވައްދާފައިވާ ކަމަށެވެ.

"އެހެން ކަމުން ހަގީގަތުގައި މި ވަގުތު ގައުމު ހިނގަމުން މިދަނީ އެމްޑީޕީން އެޅި ބިންގަލުގެ މަތީގައި. ނަމަވެސް މިހާރު ފެނިގެން މިދަނީ އެ ބިންގަލުގެ މައްޗަށް އަޅާ ތަނބުތަށް އޮރިއަށް އަޅަމުންދާ މަންޒަރު،" އަމްރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ ނައިބް މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވީ، މިހާރު ފެނިގެން މިދަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ފެއިލް ވަމަނުންދާ މަންޒަރު ކަމަށާއި އެކަން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުން ހާމަވާ ކަމަށެވެ.

"2020 ވަނަ އަހަރު ރާއްޖޭގެ ގައުމީ ދަރަނި ގައުމީ އުފެންދުންތެރިކަމުގެ ނިސްބަތުން 120 ޕަސެންޓްގައި ހުންނާނެ ކަމަށް ބުނުމުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް. އެ އަދަދުގައި ދަރަނީގެ ނިސްބަތް މި ހުންނަނީ ގްރީސް ފަދަ ދުނިޔޭގައި ފެއިލް ވެފައި ހުރި އިގްތިސާދު ތަކުގައި،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ވޯލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުން ރާއްޖޭގެ ދަރަނި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި 67 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނާއިރު އެއީ ކޮންމެ ރައްޔިތެއްގެ ބޮލަކަށް 11 ހާސް ޑޮލަރުގެ ދަރަނި ކަމަށާއި ރާއްޖެ އަކީ މިސަރަހައްދުގައި އިގްތިޞާދު އެންމެ ގޯސްކޮށް އޮތް ދެވަނަ ގައުމު ކަމަށެވެ.

"ދެކުނު އޭސިއާގެ ގައުމުތަށް ތަރައްގީ ވާނެ ކަމަށް ވޯލްޑް ބޭންކުން ލާފަކޮށް ނެރުނު ރިޕޯޓްގައި ރާއްޖެ މި އޮތީ އަފްޣާނިސްތާނަށް ވުރެ ކިރިޔާ ރަނގަޅުކޮށް،" އަމީރު ވިދާޅުވިއެވެ.

އެމްޑީޕީން މިފަދަ ގޮތަކަށް ސަރުކާރަށް ފާޑުކީ ނަމަވެސް ވޯލްޑް ބޭންކުގެ ރިޕޯޓާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ކުރާ ހަރަދުތައް ފޫބެއްދުމަށް ޓަކައި ސަރުކާރުންކަންތައްތަކެއް ރާވާފައި އެބަ ހުރި ކަމަށާއި ޓޫރިޒަމް ދާއިރާ އާއި އެހެން ދާއިރާތަކަށް އަންނަ ބަދަލުތަކާ އެކު ވެސް އެ ދަރަނިތައް ފޫބެއްދިގެންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ މި ފަސް އަހަރު ނިމިގެންދާ އިރު އިތުރު 50 ރިސޯޓް ހުޅުވިގެންދާނެ ކަމަށާއި އެއާ އެކު ލިބޭ އާމްދަނީން ހަރަދު ދެކޮޅު ޖެއްސޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، މިހާރު ރާއްޖޭގައި ހުރި ރިސޯޓުތަކުން 26000 އެނދުން 2.5 ބިލިއަން ޑޮލަރު ލިބޭ އިރު އަލަށް ހަދާ ރިސޯޓްތަކާ އެކު އުފެދޭ 12500 އެނދުން 1.5 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށެވެ. އެސްއީޒެޑް ޕްރޮޖެކްޓްތައް މިފަސް އަހަރުގެ ތެރޭގައި ގެނައުމަކީ ވެސް ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.