12 May 2016, 21:17
އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް "ފަނޑިޔާރުންގެ މަހާސިންތާ 2016"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމާލައިފި އެވެ.
މަހާސިންތާ ނިންމާލާފައިވަނީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މެޖިސްޓްރޭޓުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މަހާސިންތާގައި އޭޖީ އޮފީހާއި ޕީޖީ އޮފީސް އަދި ފުލުހުންނާއި ބައްދަލުކޮށް އެބޭފުޅުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަނޑިޔާރުންގެ މަހާސިންތާ ނިންމުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ: ޔޫސުފް ސޮފްއާން ރަޝީދު
މިއަދު މެންދުރު ޕީޖީ އާއިޝަތު ބިޝާމްއާ ބައްދަލުކުރައްވައި މެޖިސްޓްރޭޓުން ވަނީ ދައުލަތުގެ ވަކީލުން އަތޮޅުތަކުގައި މަދުވުމުން މައްސަލަތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ދަތިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިއަދު ހަވީރު ސީޕީ އަހުމަދު އަރީފް އާ ބައްދަލު ކުރައްވާ ފުލުހުންގެ ފަރާތުން ދިމާވާ ބައެއް ކަންކަން ހިއްސާކުރައްވާފައިވެ އެވެ.
މެޖިސްޓްރޭޓުން ފާހަގަކުރި ގޮތުގައި ނިމިގެންދިޔަ މަހާސިންތާއަކީ އެކި ގޮތްގޮތުން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ މަހާސިންތާ އެކެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި ޕީޖީ ބިޝާމް ބައިވެރިވެ ވަޑާއިގަންނަވަނީ -- ސަންފޮޓޯ މުހައްމަދު އަފްރާހް
މިއަދުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑީޔާރުންގެ ފެންވަރު މަތިކުރުމަށްޓަކައި ފަނޑިޔާރުން އަމިއްލަފުޅަށް ދިރާސާތައްކުރެއްވުން މުހިންމު ކަމަށެވެ. އަދި މިއަހަރަކީ ލޯ އޭޝިއާއަށް 50 އަހަރު ފުރޭ މުނާއްސަބާ ކަމުން މިއަހަރު ކޮލަމްބޯގައި ބާއްވާ ކޮންފަރެންސަށް ހައިކޯޓުން ދެ ބޭފުޅުން، ސުޕީރިއާ ކޯޓުން ދެ ބޭފުޅުން ބައިވެރިވުމަށް އުއްތަމަ ފަނޑިޔާރު ވަނީ އެދިވަޑައިގެންފަ އެވެ.
އޭގެއިތުރުން 2017 ވަނަ އަހަރު ބާއްވާ އާއިލާއާ ކުޑަކުދިންނާ ބެހޭ ވޯލްޑް ކޮންގްރެސްގައި ޝަރުއީ ގާނޫނީ ކަންކަމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާތީ ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުން ދެ ފަނޑިޔާރަކު އެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު އެދިލެއްވި އެވެ.